ދިވެހި ރެޑް ކްރެސެންޓުގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ބޭންކް އޮފް މޯލްޑިވްސް ބައިވެރިވެއްޖެއެވެ.

ބީއެމްއެލް އިން ބުނީ މި އިނިޝިއޭޓިވްގައި ބޭންކުން ބައިވެރިވުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އަމާޒުކޮށް ރެޑް ކްރެސެންޓުން ހިންގާ ހަރަކާތްތަކަށް އިތުރު އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފްސާނީ، އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި، ކާރިސާ ތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހިމެނޭކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވެގެންދާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް ބީއެމްއެލް އިން އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ދިވެހި ރެޑް ކްރެސެންޓުގެ 'ޕާރޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ރާއްޖޭގެ މަޝްހޫރު އެހެން ކުންފުނިތަކުންވެސް އަންނަނީ ބައިވެރިވަމުންނެވެ.