ގ.ފުންފަޅުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެފައި ވަނީ މިރޭ 22:49 ހާއިރު އެވެ.
އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ދުމުގެ އަސަރު ކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ގާއިމްކޮށް ރެޑް ކްރެސެންޓާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެގޭ އެޕާޓްމެންޓެއްގައި ވަރަށް ބޮޑަށް ހުޅު ފަޅައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ. އަދި ކަޅު ބޯ ދުން އަރާ މަންޒަރުވެސް ފެނިގެންދެއެވެ.
