މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެގެން ގެއްލުނު ލިބުނު ގެތަކުގެ ތެރެއިން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭ ހުރިހާ ގއެއްގެ އެސެސްމަންޓް ހަދައި ނިމިއްޖެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑިއެމްއޭ އިން ބުނީ، މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރައާ ގުޅިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭކަމަށް ފާހަގަ ކުރެވުނު 137 ތަނުގެ ތެރެއިން އިއްޔެ 92 ގޭގެ އެސެސްމަންޓް ނިމިފައިވާއިރު މިއަދު ބާކީ 45 ގޭގެ އެސެސްމަންޓް ނިންމާފައިވާ ކަަމަށެވެ. މި މަސައްކަތުގައި އެންޑިއެމްއޭގެ އިތުރުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވިލޮޕްމެންޓް އަދި ދިވެހި ރެޑްކްރެސެންޓުން ބައިވެފައި ވެއެވެ.
ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގޭބިސީތަކުގެ ހާލަތު ދަނެގަނެ، އެކަންތައްތައް ހައްލުލު ކުރުމަށް ކުރެވޭނެ މަސައްކަތްތައް ބަލާ ގޭބިސީތަކުގެ ވެރިންނާއި މިއަދު ވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މަޝްވަރާ ކުރައްވާފައެވެ.
މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓްކޮށްފައިވާ އިރު، 554 ތަނަކުން ވަނީ ވެލި ބަސްތާ ޖެހުމަށް އެދިފައެވެ. ހަމައެއާއެކު މާލެއިން ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން 53 ގެއަކުން ރިޕޯޓްކޮށްފައިވާ އިރު، އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާ 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށް ދީފައެވެ.
އެގޮތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ފަރާތްތަކުން ދަނީ އެފަރާތްތަކުގެ ދިރިއުޅެމުން އައި ތަން އާންމު ހާލަތައް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައި ވަނީ 2 ދުވަހުގެ މުއްދަތަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހު މާލެއަށް ވާރޭ ވެހެން ފެށިގޮތަށް ވާރޭ ވެހުން މެދުކަނޑާލާފައި ވަނީ އެ ރޭގެ 7:30 ހާއިރުއެވެ. އެއަށް ފަހު އެ ރޭގެ 10 ޖެހުމާ ހަމައަށް އައި އިރު ވެސް މާލޭގެ މަގުތަކުން ފެން ހިނދިފައެއް ނުވެއެވެ. އާންމުކޮށް މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި އެތައް ގެތަކަކާއި ފިހާރަތަކެއްގެ ތެރެއަށް ފެން ވަދެ އާންމުން އަމިއްލައަށް ފެން ހިންދުމަށް ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ. އެގޮތުން މާލޭގެ 11 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ ކޮށްފައެވެ.