އެސްއެމްއީތަކަށް، ނުވަތަ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާތައް ދެއްކުމަށް ފެނަކަ ކޯޕަރޭޝަނަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީ މަރުހަލާ އަށް ފޮނުވައިފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ:
- އެސްއެމްއީތަކަށާއި ކުންފުނިތަކަށް ދޭން ހުރި ލާރި ދިނުން އަވަސްކުރުމަށް
- ފެނަކައިގެ މެނޭޖްމެންޓުގެ އޮޑިޓަކާއި މާލީ އޮޑިޓެއް ކުރުމަށް
- އެ ކުންފުނިގެ ދަރަނިތައް އަދާކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް
މި ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ އެސްއެމްއީތަކަށާއި އެކި ވިޔަފާރިތަކަށް ފެނަކައިން ދައްކަން ޖެހޭ އެތައް ފައިސާ އެއް ނުދައްކާ އޮތް ކަން ފާހަގަކުރައްވައި، ގިނަ ވިޔަފާރިތަކަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފެނަކައިގެ ބައިވަރު ކޮރަޕްޝަންގެ މައްސަލަތައް ހުރިކަން ވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
ނަމަވެސް ފެނަކައިގެ ދިފާއުގައި ވާހަކަ ދެއްކެވި ސަރުކާރު މެންބަރުން ވިދާޅުވި ގޮތުގައި ފެނަކައަށް ފައިސާ ނުދެވި ދަނީ އެ ކުންފުންޏަށް ލިބެން ޖެހޭ އާމްދަނީ ގަވައިދުން ނުލިބުމުގެ ސަބަބުންނެވެ. އެކަމަކު އެ ބޭފުޅުން ވެސް ވަނީ ފެނަކައިން ވިޔަފާރިތަކަށް ފައިސާ ދޭން ޖެހިފައިވާ ނަމަ އެ ފައިސާ އެއް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަންނަށް ފެނޭތޯ ވޯޓަށް އެހުމުން، މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި 55 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވީ ގަރާރު ބަލައިގަތުމަށެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ވެސް 43 މެންބަރުންނެވެ.
އެހެންކަމުން ރިޔާސަތުން ވަނީ އާދަމް ޝަރީފްގެ ގަރާރު ދިރާސާކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ފޮނުވައިފައެވެ.
ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާތައް ދެއްކުމަށް ފެނަކަ އަށް ގޮވާލާ ހުށަހެޅި ގަރާރު ކޮމިޓީ އަށް މިއަދު ފޮނުވާފައި ވަނީ އެ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އޭސީސީން އަންގާފައި ވަނިކޮށެވެ. 20.5 މިލިއަން ރުފިޔާ ހޯދަން އެންގުމުގެ އިތުރުން އޭސީސީން ވަނީ 92 ކަމެއް އިސްލާހުކުރުމަށް ވެސް ފެނަކަ އަށް އަންގައިފައެވެ.