ފަލަސްތީނަށް އެހީވުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

އައިއޭސީއިން ބުނީ ސްކޫލުތަކުގައި ހިމާޔަތް ހޯދަމުން އަންނަ ރައްޔިތުންނަށް ކާބޯތަކެތީގެ ޕެކޭޖުތައް ފޯރުކޮށްދިނުމަށްޓަކައި އައިއޭސީގެ ޓީމުން ހުއްޓުމެއް، ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެހީގެ ޕެކޭޖުތައް ބެހިގެންދާނެ ކަމަށެވެ.

ފަލަސްތީނަށްޓަކައި އައިއޭސީއިން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާއިން ވަނީ ދީފައެވެ. އެގޮތުން ބޮމާ، ވަޒަނުގެ ތެރޭގައި ވެސް ރެއާއި ދުވާލު ކުރަމުންދާ އެ މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް އައިއޭސީއިން ބުނެއެވެ.

ފަލަސްތީނަށް އެހީވުމަށް:

އެކައުންޓު ނަމްބަރު: 7770000062741

އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

އިޒްރޭލުން ހުއްޓުމެއް ނެތި ބޮން އަޅާ އާންމުން ޝަހީދު ކުރަމުން ދާ އިރު މިހާތަނަށް ޖުމްލަ 5791 މީހަކު ވަނީ މިދުނިޔެ ދޫކޮށްފައެވެ. އަދި ބިމާ ހަމަކޮށްފައި ވާ އިމާރާތްތަކުގެ ދަށުގައި މަދުވެގެން 1500 އެއްހާ މީހުންގެ ހަށިގަނޑު ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން 12 ޕަސެންޓު ކެމްޕޭން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.