މާރާމާރީއަކަށް ހިއްވަރު ދިން ކަމުގައި ތުހުމަތުގައި އެމްޓީޑީގެ ކައުންސިލް މެންބަރު އަހުމަދު އަޝްރަފް (ޝުމްބާ) ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ކެނެރީ މަގުގައި މާރާމާތީއެއް ހިނގާ ކަމަށް ރޭ 10:05 ހާއިރު ރިޕޯޓު ކުރުމާއެކު ސީން އަށް ގޮސް ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެންބަރު އަހުމަދު އަޝްރަފް (ޝުމްބާ) އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބޭ އިރު އޭނާގެ ވަކީލު ވަކީލު މުހައްމަދު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝުމްބާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓާ ކަމަށެވެ. ޝުމްބާ މާރާމާރީއެއް ނުހިންގާ ކަމަށް ވަކީލް ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދޭތެރެ ދޭތެރެއިން މާރާމާރީ ހިންގައެވެ. ގިނަ ފަހަރަށް މިފަދަ މާރާމާރީތައް ހިންގަނީ ގްރޫޕު މާރާމާރީތަކުގެ ގޮތުގައެވެ. މާރާމާރީގެ މައްސަލަތަކުގައި މީގެ ކުރިން ގިނަ ބައެއްގެ ފުރާނައަށް ބޮޑެތި ގެއްލުން ވެފައި ވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެސް ވެފައެވެ. މިފަދަ މާރާމާރީގެ މައްސަލަތަކުގައި ކުޑަކުދިން ޝާމިލްވާ މިންވަރުވެސް ބޮޑެވެ.