އެމެރިކާއިންނާއި ޔޫރަޕުން ފެށިގެން އިންޑިޔާއާ ހަމައަށް ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުންކުރާ މީހުންނާއި އެކްޓިވިސްޓުން ބުނަނީ ދުނިޔޭގެ އެންމެ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އިޒްރޭލަށް ފާޑުކިޔާ ކޮންޓެންޓުތައް އެހެން މީހުންނަށް ފެންނަވަރު މަދުކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ހަފުތާގެ ފަހުކޮޅު ބެލްޖިއަމްގައި ދިރިއުޅޭ ފިލްމީ ތަރި އަދި އެކްޓިވިސްޓެއް ކަމަށްވާ ތޯމަސް މެޑަންސް އަށް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވުނެވެ. "ޖެނޯސައިޑް" މި ލަފުޒު ބޭނުންކޮށްގެން އޭނާ ޓިކްޓޮކުގައި ޝާއިއުކުރި ފަލަސްތީނާ ބެހޭ ވީޑިއޯއެއް ކުއްލިއަކަށް އެ ޕްލެޓްފޯމްގައި ގިނަ މީހުންނަށް ނުފެންނަން ފެށިއެވެ.
"އަހަރެން ހީކުރީ އެތައް މިލިއަން ވިއުސް އެއް ލިބޭނެކަމަށް އެ ވީޑިއޯއަށް." މެޑަންސް ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް، އެކްސް، ޔޫޓިއުބް އަދި ޓިކްޓޮކް މެދުވެރިކޮށް އެކައުންޓްތައް ސެންސަރުކުރާ ކަމަށް ނުވަތަ ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓްގެ ވަސީލަތްތައް އެކްޓިވްކޮށް މަދުކުރާ ކަމަށް ތުހުމަތުކުރާ އެތައް ސަތޭކަ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ ތެރޭގައި މެޑަންސް ވެސް ހިމެނެއެވެ.
ލިޔުންތެރިންނާއި އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ފިލްމު އުފައްދާ ފަރާތްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސޯޝަލް މީޑިއާ އާންމުކޮށް ބޭނުންކުރާ ފަރާތްތަކުން ބުނެފައިވަނީ "ފްރީފަލެސްތީން" އާއި "އައިސްޓޭންޑްވިތު ފަލަސްތީން" ފަދަ ހޭޝްޓެގްތައް ހިމެނޭ ޕޯސްޓުތަކާއި އިޒްރޭލުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ވީޑިއޯތައް އެ ޕްލެޓްފޯމް ތަކުން ސިއްރުކުރަމުން އަންނަ ކަމަށެވެ.
މެޓާގެ ހިއްސާ އޮންނަ އިންސްޓަގްރާމުން "ކޮމިއުނިޓީ ގައިޑްލައިންތަކާ" ހިލާފުވެފައިވާ ކަމަށް ބުނެ ފަލަސްތީނުގެ ވާހަކަ ކިޔައިދޭ ޕޯސްޓުތައް ނައްތާލަމުން އަންނަ ކަމުގެ ތުހުމަތު ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ ކޮށްފައެވެ. އަނެއް ބަޔަކު ބުނީ އެ މީހުންގެ އިންސްޓަގްރާމް ސްޓޯރީތައް ފޮރުވާފައި ވަނީ ލޮސް އެންޖެލިސް އާއި ސެން ފްރެންސިސްކޯ ބޭ އޭރިއާގައި ފަލަސްތީނަށް ތާއީދުކޮށް ކުރަމުންދާ މުޒާހަރާތަކުގެ މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ. ބައެއް މީހުން ވަނީ އެމީހުންގެ އިންސްޓަގްރާމް ބައޮގްރަފީގެ ކައިރީގައި "ޓެރަރިސްޓް" މި ލަފުޒު ފެންނަން ފެށުމުން އެކަމުގެ ޝަކުވާ ވެސް ކޮށްފައެވެ.
އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ވަނީ ޕޯސްޓުތަކަށް ވާސިލްވުން މަދުވުމަކީ ބަގެއް ކަމަށް ބުނެފައެވެ.
"މި ބަގްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކައުންޓްތަކަށް ވެސް ހަމަހަމަ އަސަރުތަކެއް ކުރި. މިކަމާ ކޮންޓެންޓްގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް. އަދި ވީހާވެސް އަވަހަކަށް މިކަން ވާނީ ހައްލު ކޮށްފައި." ސްޓޯން ލިޔެފައިވެއެވެ.
ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފަލަސްތީނަށް ތާއީދުކުރާ އެކައުންޓްތަކަށް 'ޓެރަރިސްޓް' ގެ ލަފުޒު ހިމެނުމުން މެޓާއިން މައާފަށް އެދުނީ އަރަބި ތަރުޖަމާތައް ނުރަނގަޅު ގޮތުގައި ތަރުޖަމާކުރެވުމާ ގުޅިގެން ކަމަށެވެ.
ޓިކްޓޮކްގެ ތަރުޖަމާނަކު ވިދާޅުވީ އެ ކުންފުނިން ސިޔާސީ އިހުސާސްތަކަށް ބިނާކޮށް ކޮންޓެންޓް މޮޑަރޭޓް ކޮށް ނުވަތަ ނައްތާނުލާ ކަމަށާއި އެ ޕްލެޓްފޯމުން ނައްތާލަނީ ކޮމިއުނިޓީ ގައިޑްލައިންތަކާ ހިލާފުވާ ކޮންޓެންޓްތައް ކަމަށެވެ. އަދި އެ ގަވައިދު ކޮންމެ ޓިކްޓޮކް އެކައުންޓަކަށްވެސް ހިނގާނެކަމަށް ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ޔޫޓިއުބާއި އެކްސް އިން އެއްޗެއް ބުނެފައެއް ނުވެއެވެ.
މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިންކާރުތައް ބަލައެއް ނުގަނެއެވެ.
ފަލަސްތީނާއި އަރަބި މަދަނީ ޖަމިއްޔާތަކުގެ ޑިޖިޓަލް ހައްގުތަކަށް ވަކާލާތުކުރާ އަރަބި ސެންޓާ ފޯ ސޯޝަލް މީޑިއާ އެޑްވާންސްމަންޓް، 7އޭއެމްލެހް ހިމެނޭ ގޮތަށް މި މަހު 48 ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ވަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ޑިޖިޓަލް ހައްގުތަކަށް އިހުތިރާމް ކުރުމަށް ޓެކް ކުންފުނިތަކަށް އިލްތިމާސް ކޮށްފައެވެ.
ކޮންޓެންޓް ނެގުމާއި ހޭޝްޓެގްތައް ފޮރުވައިގެން ފަލަސްތީނުގެ އަޑުތަކަށް ބޮޑެތި އަދި ނުހައްގުން ސެންސަރު ކޮށްފައިވާތީ ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ވެއެވެ. "އެކްޓިވިސްޓުންނާއި މަދަނީ ޖަމިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް މި ހުރަސްއެޅުން ރަމްޒު ކޮށްދެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ލިބިގަތުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ސިޔާސީ ބައިވެރިވުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ގޮތުގައި."
އަމްލޭހްގެ އެޑްވޮކޭސީ މެނޭޖަރު ޖަލާލް އަބޫހަތޭރު ވިދާޅުވީ ފަލަސްތީނަށް ތާއީދުކުރާ ސެންސަރުޝިޕްގެ 238 މައްސަލައެއް އެ ޖަމިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ފޭސްބުކް އަދި އިންސްޓަގްރާމްގައި ކަމަށެވެ. އޭގެ ތެރޭގައި ކޮންޓެންޓް ޓޭކްޑައުންތަކާއި އެކައުންޓް ރެސްޓްރިކްޝަންތައް ހިމެނެއެވެ.
އަބޫހަތޭރު ވިދާޅުވީ ފަލަސްތީނާ ގުޅުންހުރި ކޮންޓެންޓަށް އަމާޒުކޮށް ނާޖާއިޒު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. "އެއާ ހިލާފަށް އިޒްރޭލުގެ ރަސްމީ ވާހަކަތަކަށް ވީހާވެސް ބޮޑު ސަމާލުކަމެއް ދެނީ، އެއީ އިޒްރޭލުގެ އަސްކަރިއްޔާއާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭ ގޮތަށް "ރަސްމީ" އިދާރާތަކުން އަންނަ ވާހަކަތައް ކަމަށް މެޓާ އިން ދެކޭތީ."
ސެންސަރުކުރުން
ބްރަސެލްސްގެ އުމުރުން 26 އަހަރުގެ މާކެޓިން މެނޭޖަރަކު އޭނާގެ އައިޑެންޓިޓީ ހިމާޔަތް ކުރުމަށް ނަން ހާމަނުކުރުމަށް އެދި ބުނީ، އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ފަލަސްތީނާ ބެހޭ ގޮތުން ޕޯސްޓް ކުރުމުން އިންސްޓަގްރާމް ސްޓޯރީސްގައި ލިބުނު އެންގޭޖްމަންޓް ވަރަށް ބޮޑަށް ދަށަށް ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ. އޭނާ ބުނީ ގާތްގަނޑަކަށް 800 ފޮލޯވަރުން އެބަތިބި ކަމަށާއި އާންމުގޮތެއްގައި ސްޓޯރީއަކަށް 200 ވިއުސް ލިބޭ ކަމަށެވެ. "އެކަމަކު ފަލަސްތީނާ ބެހޭ ގޮތުން ޕޯސްޓް ކުރަން ފެށުމުން އަޅުގަނޑުގެ ޕޯސްޓުތައް އެހެން މީހުންނަށް ފެނިފައި ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ."
އޭނާ ކަންބޮޑުވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީތަކުގައި ގްރެފިކް ފޮޓޯތަކެއް ހިމަނާފައި ނުވާތީ އާއި ނަފްރަތު އުފެދޭ ވާހަކަތައް ހިމަނާފައި ނުވާތީ ކަމަށެވެ. "އަހަރެން ދެއްކީ ފަލަސްތީނުގެ ރައްޔިތުންނަކީ އިންސާނުން ކަމަށާއި އެ ސަރަހައްދުގައި މިނިވަންކަމާ ސުލްހަވެރިކަމާއެކު ދިރިއުޅެން އެމީހުންނަށް ހައްގުވާ ވާހަކަ. އެ ވާހަކަތައް ކީއްވެ ސެންސަރުކުރަންވީ؟"
ލޮސް އެންޖެލެސް އާއި ކެލިފޯނިއާގެ ބޭ އޭރިއާގައި ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މުޒާހަރާތަކާ ބެހޭ ގޮތުން އިންޑިއާގެ މެކޭނިކަލް އިންޖިނިއަރެއް އޭނާގެ އިންސްޓަގްރާމަށް ލީ ސްޓޯރީއަކަށް ގަޑިއިރެއް ވީ އިރުވެސް އެއްވެސް މީހަކު ބަލާފައެއް ނުވެއެވެ. އެއީ އާދަޔާ ހިލާފު ކަމެއް ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު އޭނާ ސެލްފީއެއް ޕޯސްޓްކުރުމުން އެ ސްޓޯރީ މީހުން ބަލާފައި ހުރި ކަމަށް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ އެހެން ގިނަ ފަރާތްތަކަށް ވެސް ވަނީ މިފަދަ ތަޖުރިބާތައް ކުރެވިފައެވެ. މިކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އެމީހުން އަންނަނީ ކުރަމުންނެވެ. "އިއްޔެ ޣައްޒާގައި ހިނގި ހަނގުރާމައާ ބެހޭ ގޮތުން އިންސްޓަގްރާމް ސްޓޯރީއެއް ޕޯސްޓް ކުރުމަށް ފަހު، އަޅުގަނޑުގެ އެކައުންޓް ވަނީ ޝެޑޯބޭންކޮށްފައި." ޕުލިޓްޒަ އިނާމު ހާސިލްކޮށްފައިވާ ނޫސްވެރިޔާ އަޒްމަތު ހާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ. "މިއީ ހީވެސް ނުކުރާ ވަރުގެ ހަނގުރާމައަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި އިތުބާރު ކުރެވޭ ނޫސްވެރިކަމަށް އޮތް އާދަޔާ ހިލާފު ނުރައްކަލެއް."
ޕާކިސްތާނުގެ ލިޔުންތެރިޔާ ފާތިމާ ބުއްޓޫ ވެސް ބުނީ އިންސްޓަގްރާމުން އޭނާ ޝެޑޯބޭންކޮށް، ކޮމެންޓްތަކާއި ސްޓޯރީ ވިއުސް ލިމިޓް ކުރަމުން އަންނަ ކަމަށެވެ. އިންސްޓަގްރާމްގައި އޭނާ އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެ ޕްލެޓްފޯމްގައި އޭނާގެ ފޮލޯވަރުންގެ ފީޑްތަކުން އޭނާގެ ޕޯސްޓްތައް ނުފެންނަ ކަމަށެވެ.
މުސްލިމުންގެ މައްސަލަތަކަށް އަލިއަޅުވާލާ ނޫސް ވެބްސައިޓު 'މުސްލިމް'ގެ އެޑިޓާ އިން ޗީފް، އަމީރު އަލް ހަތަހްތުބެގް، 25، ފާހަގަ ކުރެއްވި ގޮތުގައި ފާއިތުވި ދުވަސްތަކުގައި އިންސްޓަގްރާމްގައި އެ ޕަބްލިކޭޝަންގެ ޕޯސްޓުތައް ފޯރާފައިވަނީ ވަރަށް މަދު މީހުންނަށް ކަމަށާއި، ހަނގުރާމަ ފެށުމުގެ ކުރިން 1.2 މިލިއަން މީހުންނަށް ޕޯސްޓުތައް ފޯރާކަމަށެވެ.
އަލް ހަތަހްތުބެގް ވިދާޅުވީ ސެންސަރުޝިޕްގެ އެންމެ ބޮޑަށް އަމާޒުވެގެންދަނީ #FreePalestine އަދި #IStandWithPalestine ފަދަ ހޭޝްޓެގްތަކާ އެކު އިންސްޓަގްރާމް ސްޓޯރީތަކާއި ޕޯސްޓުތަކުގައި "ފަލަސްތީން"، "ޣައްޒާ"، "ހަމާސް"، "އަލް ޤުދުސް" އަދި "ގުދުސް" ފަދަ ކީވޯޑްތައް ލިޔެފައިވާ ކޮންމެ އެކައުންޓަކަށް ވެސް ކަމަށެވެ. މި ޕޯސްޓްތައް އިންސްޓަގްރާމްގެ އެކްސްޕްލޯރާ ޕޭޖަށް ނުފޯރާ ކަމަށާއި އޭގެ ދުވަސްތަކެއް ފަހުން މީހުންގެ މެއިން ފީޑުން ފެންނަމުން އަންނަ ކަމަށެވެ.
ހަމާސް އިން އިޒްރޭލަށް އެންމެ ފުރަތަމަ ހަމަލާދިންތާ ދުވަސްތަކެއް ފަހުން އެމެރިކާގައި ހުންނަ ފަލަސްތީނަށް ތާއީދުކުރާ ނިއުސް އައުޓްލެޓެއް ކަމަށްވާ މޮންޑޮވައިސް އިން ބުނީ ޓިކްޓޮކް އިން އެމީހުންގެ އެކައުންޓް ބޭންކުރިކަމަށެވެ. އޮންލައިންކޮށް އަޑުއުފުލުމަށް ފަހު އަލުން އެ އެކައުންޓް ހޯދާފައިވަނޫ އޭގެ ގަޑިއިރުތަކެއް ފަހުން ކަމަށް ވަނީ ބުނެފައެވެ. ފަލަސްތީނުގެ ގުދުސް ނިއުސް ނެޓްވޯކުން ވެސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖް މެޓާއިން ސަސްޕެންޑް ކުރި ކަމަށެވެ.
މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފަލަސްތީނުގެ އަޑުތައް ސެންސަރު ކުރާ ކަމަށް ތުހުމަތު ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ.
7އޭއެމްލެހްގެ ހޯދުންތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ފޭސްބުކްގެ ޕްލެޓްފޯމްގައި ހުރި ކޮންޓެންޓްތައް ބޭންކުރުމަށް ނުވަތަ އުނިކުރުމަށް އިސްރާއީލުގެ ސަރުކާރުގެ ފަރާތުން 913 އިލްތިމާސެއް ފޭސްބުކަށް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 81 ޕަސެންޓް ރިކުއެސްޓްތަކަށް ފޭސްބުކުން ވަނީ އިޖާބަދީފައެވެ.
"މިއީ އާ ކަމެއް ނޫން. ފަލަސްތީނަށް މީގެ ކުރިން ވެސް މެޓާގެ ސެންސަރުޝިޕާ ކުރިމަތިލާން ޖެހި، އަނެއްކާ ވެސް އެކަން ތަޖުރިބާ ކުރަމުން މިދަނީ.،" އަލް ހަތަހުތުބެގް ވިދާޅުވިއެވެ. މިކަމާ ގުޅޭ ގޮތުން މެޓާގެ ތަރުޖަމާނުގެ ބަހެއް ލިބިފައެއް ނުވެއެވެ.
އެލްގޯރިދަމް އަށް އޮޅުވާލުން
ސޯޝަލް މީޑިއާގައި ސެންސަރުޝިޕް ތަޖުރިބާ ކުރާ ބައެއް މީހުން އަންނަނީ ޕޯސްޓުތައް ސެންސަރު ނުކުރާނެ ފަދަ ގޮތްގޮތަށް ބަސްތައް ލިޔަމުންނެވެ. ފަލަސްތީނުގެ އެކްޓިވިސްޓަކު އިންސްޓަގްރާމްގައި ޕޯސްޓުކުރާއިރު އޭނާ ބޭނުންކުރާ ބައެއް އުކުޅުތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ބަސްތައް ލިޔާއިރު އަކުރު ދަތުގެ ދެމެދުގައި ހުސް ޖާގަ ދޫކޮށްފައި ލިޔުމާއި، ސިމްބަލްތައް ބަސްތަކުގައި ބޭނުންކުރުމަށް އޭނާ ވަނީ އިރުޝާދުދީފައެވެ. އެފަދަ ގޮތްގޮތަށް ބަސްތައް ލިޔުމުން އަލްގޮރިދަމްއަށް އޮޅޭ ކަމަށް އޭނާ ބުންޏެވެ.
މިސްރުގެ ގާހިރާގައި ހުންނަ ބްލޮކްޗެއިން ކުންފުންޏެއް ކަމަށްވާ ބައިޑޮޓްޕީއެއްގެ ބާނީ މުހައްމަދު ދަރްވިޝް، 31، ވަނީ "ފްރީ ފަލަސްތީން ޑޮޓް ބައިޑޮޓްޕީ" ގެ ނަމުގައި ވެބްސައިޓެއް އުފައްދައި، އެ ޕްރޮސެސް އޮޓޮމޭޓްކޮށްފައެވެ. މިސާލަކަށް އޭނާގެ ވެބްސައިޓަށް "ޣައްޒާ" ޓައިޕް ކުރުމުން އޮޓަމެޓިކުން އެހެން ގޮތަކަށް އެ ލަފްޒުގެ އަކުރުތައް ބަދަލުވެގެން ދެއެވެ. އޭރުން އެ ބަސްތައް ކޮޕީކޮށްގެން ސޯޝަލް މީޑިއާގެ ޕޯސްޓްތަކުގައި ބޭނުން ކުރެވޭނެއެވެ.
"ޑިވެލޮޕަރުންގެ ކޮމިއުނިޓީއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އުސޫލެއް އެބައޮތް. އެއީ، ކޯޑާއެކު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑު މި ޓޫލް ޑިވެލޮޕް ކުރީ. އޭގެ ދެ ވާޝަން، އެއް ވާޝަން އަރަބި ބަހަށް އަދި އަނެއް ވާޝަން އިނގިރޭސި ބަހަށް،" ދަރްވިޝް ބުންޏެވެ.
"މި ޓޫލްގެ މަސައްކަތަކީ އާޓިފިޝަލް އިންޓެލިޖެންސާއި ފޭސްބުކް އެލްގޯރިދަމްތަކަށް ލިޔުމުގެ މާނަ ދެނެގަންނަން އުނދަގޫވާ ގޮތަށް ލަފުޒުތަކުގެ ސިފަ ބަދަލުކުރުން." އޭނާ ބުންޏެވެ.
ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓްތަކުގެ ސޯޝަލް މީޑިއާ ސެންސަރުޝިޕްއާ ބެހޭ ގޮތުން މީހުންގެ ޝަކުވާތައް ފެނުނުތާ ކުޑަ އިރުކޮޅެއް ފަހުން ފްލޮރިޑާގެ ލޯ ފާމެއް ކަމަށްވާ މުސްލިމް ލީގަލް އިން ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި ޕޭޖެއް ހަދައި، އެފަދަ ސެންސަރުޝިޕާ ކުރިމަތިލާން ޖެހުނު މީހުންގެ ތަޖުރިބާ ހިއްސާ ކުރެވޭނެ ގޮތް ގާއިމްކޮށްފައެވެ. އެފަދަ 450 މައްސަލައެއް މުސްލިމް ލީގަލްގެ ޕޭޖަށް ވަނީ ލިބިފައެވެ.
އެ ކުންފުނީގެ ބާނީ ހަސަން ޝިބްލީ ވިދާޅުވީ ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ވާހަކަ ދައްކަމުން ދިޔަ ޕޭޖްތައް އިންޒާރަކާ ނުލައި ބޭންކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. "މައުސޫމް ކޮމެންޓުތައް ކުރާ މީހުންގެ އެކައުންޓްތައް ވެސް ބޭންކުރި."
ޝިބްލީ މިހާރު މަސައްކަތް ކުރަނީ އެ ޝަކުވާތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެންގޮސް، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުމަށެވެ.
މުޖުތަމައުން ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އެއީ އިސްލާމް ދީނަށް ފުރައްސާރަކުރާ ވާހަކަތަކާ ދެކޮޅަށް ވަކާލާތުކުރެވޭ ވަސީލަތެއް. އެއީ ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހާމަކުރެވޭނެ އެއް ގޮތް. އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ކަންކަމާއި އެމީހުން ބޭނުންކުރާ ޕްރޮޕެގެންޑާ އާއި ދޮގު މައުލޫމާތުތައް ހާމަކުރުމަށް ލިބިފައިވާ އެއް ވަސީލަތަކީ ވެސް އެއީ."
ޓްރާންސްޕޭރެންސީގެ ބޭނުންތެރިކަން
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިދިޔަ ޖުލައި މަހު ވަނީ ބިގް ޓެކް ހިފެހެއްޓުމަށް ޑިޖިޓަލް ސާވިސް އެކްޓް (ޑީއެސްއޭ) ފާސްކޮށްފައެވެ. މި ގަވާއިދުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންކުރާ މީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް ހިމާޔަތްކުރާ އުސޫލާ އެއްގޮތަށް އަމަލުކުރަން ޖެހެއެވެ.
އީޔޫގެ ތަރުޖަމާނު ދެއްވި ބަޔާނެއްގައި ވިދާޅުވީ ޕްލެޓްފޯމްތަކުގައި އެމީހުންގެ ޝަރުތުތަކުގެ ދަށުން ހުއްދަ ކުރާ ކޮންޓެންޓަކީ ކޮބައިކަން ވަރަށް ސާފުކޮށް ދެފުށް ފެންނަ ގޮތަށް އެނގެންޖެހޭކަމަށެވެ. އަދި އަމިއްލަ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ހަރުކަށި އަދި ޓެރަރިޒަމްގެ ކޮންޓެންޓަށް ބަލާއިރު މިކަން ވަރަށް ބޮޑަށް ބަލަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
"އެކައުންޓެއް ރެސްޓްރިކްޓް ވެއްޖެނަމަ އެކަން ބޭނުންކުރާ ފަރާތަށް އަންގަން ޖެހޭނެ." ތަރުޖަމާނު ވިދާޅުވީ އެ ނިންމުން އިސްތިއުނާފު ކުރުމުގެ އިހްތިޔާރު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ.
ނަމަވެސް ބައެއް ތަޖުރިބާކާރުން ވަނީ މި ހާލަތުގައި ޑީއެސްއޭގެ ބާރާ މެދު ޝައްކު އުފައްދާފައެވެ.
"އުސޫލެއްގެ ގޮތުން ޑީއެސްއޭ އިން ޝެޑޯބޭނިން ބަލަނީ. އެކަމަކު މި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރޭ މިންވަރާ އަޅާބަލާއިރު އަމަލީ ގޮތުން މިކަންތައްތައް ބަލަން އުނދަގޫވާނެ." ސެންޓާ ފޯ ޔޫރަޕިއަން ޕޮލިސީ ސްޓަޑީޒްގެ ސީނިއާ ރިސާޗް ފެލޯ އެންޑްރިއާ ރެންޑާ ވިދާޅުވިއެވެ.
އެންމެ ފަހުން ފަލަސްތީނުގެ ކޮންޓެންޓް ސެންސަރު ކުރުމުގެ ސަބަބުން ނޫސްވެރިންނަށާއި މަދަނީ ޖަމިއްޔާތަކަށާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ގެއްލުންވާ ކަމަށް އަބޫހަތަރު ވިދާޅުވިއެވެ. "ހާއްސަކޮށް ފަލަސްތީނުގެ މި ދަނޑިވަޅުގައި އެމީހުންގެ ދިރިއުޅުމަށް ކުރަމުން އަންނަ އަސަރުތައް ދުނިޔެއަށް ފެންނަން ޖެހޭ. މި ނާޒުކު ދަނޑިވަޅުގައި މުހިންމީ މައުސޫމް ފުރާނަތައް ސަލާމަތްކުރުން. ފަލަސްތީނުގެ ހާލަތާ މެދު މައުލޫމާތުތައް އެންމެންނަށް ސާފުކޮށް އެނގެންޖެހޭ. ސެންސަރުޝިޕްގެ ސަބަބުން މިކަންތައް ފުރިހަމައަށް ކުރުމަށް ހުރަސްއެޅޭ." އޭނާ ބުންޏެވެ.