އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީގެން ރޭ މަރުވި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ބޮލަށް އަނިޔާތައް ލިބިފައިވާ އިރު އޭނާ މަރަށް ތެޅެމުން ދިޔަ މަންޒަރު ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ. މި މަންޒަރު އޭނާއަށް ފެނިފައި ވަނީ ރޭ ދަންވަރު ފާހާނާއަށް ދާން އަބްދުއްރަހީމް ނިދާ ކޮޓަރީއަށް އޭނާ ވަތް ވަގުތެވެ. އެއާއެކު އޭނާ ވަނީ މާލޭގައި ހުރި އޭނާގެ ދަރިފުޅަށް ގުޅާފައެވެ. އަދި އެއަށްފަހު ރަށު ތެރެއިން އެކި މީހުންނަށް ގުޅައިގެން އެމީހުންގެ އެހީތެރިކަމުގައި އަބްދުއްރަހީމް ވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
އެ ރަށު ކައުންސިލުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ކައުންސިލަށް ލިބިފައި ވަނީ ރޭ ދަންވަރު 1:50 ހާއިރު ކަމަށެވެ. މި ހާދިސާގައި އަބްދުއްރަހްމާންގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވާ އިރު، މޫނު މަތިން ލޯ ކައިރީގައި ވެސް ޒަހަމްވެފައި ވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ގައިގެ އިތުރު ތަނެއް ޒަހަމްވެފައިވާ ކަން އެނގިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ. އޭނާ މަރުވީ ސިއްހީ މަރުކަޒާށް ގެންގޮސް ފަރުވާ ދެމުން ދިޔަ އިރު ބޮލަށް ލިބިފައިވާ ފުން ޒަހަމްތަކުގެ ސަބަބުން ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ ކައުންސިލުން ބުނެއެވެ.
މި ވަގުތު ރަށުގެ ހާލަތަށް ބަލާއިރު، އެންމެން ވެސް ތިބީ ޝޮކެއް ގައި ކަމަށް ކައުންސިލުން ބުނެއެވެ. އެ ރަށަކަކީ ޑްރަގާއި މާރާމާރީ ފަދަ މައްސަލަ ތަކާއި ވައްކަން ކުރުން ފަދަ ކުށްތައް ވެސް ނުފެންނަ ރަށެކެވެ. އެ ރަށުގައި އާންމުކޮށް ގޭގޭގައި މީހުން ނިދާނީ ވެސް ދޮރު ތަޅު ނުލައެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރޫހު ދެމި އޮތް އެ ރަށުގައި ގިނަ ބަޔަކު މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަބްދުއްރަހްމާނަށް އެވަރުގެ އަނިޔާއެއް ދީފައިވާ އިރު މިއީ އެ ރަށުގައި މިފަދަ އަނިޔާވެރިގޮތަކަށް މީހަކު މަރާލި ފުރަތަމަ ފަހަރު ވެސް މެއެވެ.
އަބްދުއްރަހީމް އަކީ މަސްވެރިކަން ކުރާ މީހެކެވެ. އެ ރަށުގައި މަސްވެރިކަމުގެ ދޯންޏެއް މިހާރު ނޯންނާތީ އޭނާ މަހަށް ދަނީ އެހެން ރަށްރަށުގެ ދޯނި ފަހަރުގައެވެ. މަހަށް ދާ ދުވަސް ވަރު ދެ ތިން ހަތަރު ދުވަހަށް އޭނާ ރަށުގައެއް ނޫޅޭ ކަމަށް އެ ރަށު މީހަކު ބުންޏެވެ.
އަބްރުއްރަހީމް އާއި ނާޒިމާގެ ގެ ދިރިއުޅުމަށް ބަލާއިރު އެ ދެމެފިރިން ނިދަނީ ދެ ކޮޓަރިއެއްގައި ވަކިންނެވެ. އެމީހުންގެ ތިން ދަރިން ތިބޭ އިރު އޭގެތެރެއިން އެކަކު މާލޭގައި އުޅޭ އިރު އަނެއް ދަރި މަސައްކަތް ކުރަނީ ރިސޯޓެއްގައެވެ. ދެން ހުރި ދަރިފުޅު އެމީހުން ކައިރީގައި ދިރިއުޅުނު ނަމަވެސް މި ހާދިސާ ހިނގި އިރު އޭނާ ހުރީ މާލޭގައެވެ. އަދި މި ހާދިސާ ހިނގައިގެން އުޅޭ ކަން އެނގުމުން އެ ދަރިފުޅު ރަށަށް ދިޔައެވެ.
މިހާރު އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ މާލެ ގެނެސްފައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައި އިރު އެ ދަރިފުޅު ވެސް ވަނީ މާލެ އައިސްފައެވެ. މި ހާދިސާއަށް ފަހު އެ ރަށުން އެއްވެސް މީހަކު އަރާ ފޭބުން މަނާކޮށްފައި ފުލުހުން ވާ އިރު، އަދި ވެސް އެ ގެެ ހުރި ސަރަހައްދު ބަންދުކޮށްގެން ފުލުހުންގެ ފޮރެންސިކް ޓިމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަބްދުއްރަހްމާންގެ މަރުގެ ހާދިސާއާ ގުޅިގެން އެ ރަށު މީހަކު ބުނީ، އެމީހާއަކީ މީހުންނަށް ވެސް ރަނގަޅު މީހެއް ކަމަށެވެ. އަދި އަބްދުއްރަހްމާންއާ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައިނުވަތަ ރުޅިވެރިކަމެއް އޮތް ކަމެއް ވެސް ނޭނގޭ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. މި މައްސަލަ އާ ގުޅިގެން އަބްދުއްރަހްމާންއަށް އެވަރުގެ އަނިޔާއެއްދީފައި ވަނީ އޭނާ މަރާލަން ކަމަށް ބެލެވޭ ކަމަށް ވެސް އެ ރަށު މީހުން ބުނެއެވެ. އަދި މި ކަމުގައި ހަމަލާ ދިން މީހާ ހޯދައި އަބްދއްރަހްމާނަށް އިންސާފް ހޯދައި ދިނުމަކީ އެ ރަށު މީހުން އެދޭ ކަމެއް ކަމަށް ބުނެއެވެ.