"އަންނަނީ، އަންނަނީ" ގައި ދެ ދައުރު ފިތި ތާށިވެގެން ނަމަވެސް ވެލާނާ އިންޓަނޭޝަނަލްގެ އާ ޓާމިނަލް ހުޅުވޭތީ ދިވެހިން ތިބީ ވަރަށް އުފަލުންނެވެ. ދިހަވަރަކަށް އަހަރުވީ ދިގު އިންތިޒާރަށް ނިމުން އަންނާތީއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޓާމިނަލެއް އެޅުމުން ހަމަ އެ ނިމުނީބާއެވެ؟ ނުވަތަ އާ ޓާމިނަލެއް އެޅުމުން އެތަން ދެން ހަމަ ހިގައިގަންނާނެބާއެވެ؟ މިހާ ހިސާބުން އަންނަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ ގޮތުން މީޑިއާ ތަކަށް ތިލަ ނުވާ ވާހަކަތަކެވެ. ނުވަތަ އާންމުންނަށް ނޭނގޭ ވާހަކަތަކެވެ.

2023 ގެ އިންތިހާބަށް ޖަހާލި ކަޑަގަނޑެއް ހެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާޓާމިނަލްގެ ދެ ފަރާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަސާޑެއް ޖަހާ އާ ޓާމިނަލްގެ މަސައްކަތް ނިންމާލިކަމަށް ދައްކަން ލައްކަ މަސައްކަތް ކުރިއެވެ. ނަމަވެސް ހަގީގަތް އެނގޭނީ އެތަނަށް ވަތް މީހަކަށެވެ. އެތަނުގެ ދެފަރާތުގައި ފަސާޑުޖަހައި، މޫނުމަތީގައި ބިއްލޫރި ކޮޅެއް ހަރުކުރުމުން ބަލަން ތިބި މީހުންނަށް ހީވީ އާ ޓާމިނަލް ނިމުނީ ކަމަށެވެ. ނަމަވެސް ކަން އޮތީ މުޅިން އިދިކޮޅަށެވެ. މިހާ ހިސާބަށް އާންމުންނަށް ނޭނގޭ، ނަމަވެސް އާ ޓާމިނަލާ ބެހޭ މުހިންމު ބައެއް ވާހަކަތައް ތިލަވާން އެބަޖެއެހެވެ.

ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރުތައް ވަނީ

އާ ޓާމިނަލް އޮޕަރޭޝަނަލް ވަނީ ކިހިނެތް؟

އާ ޓާމިނަލަކީ އޭގެ ޒާތުގައި ހަމަ ހިނގައިގަންނަ ތަނެއް ނޫނެވެ. އެއީ ކުޑަ ވަރެއްގެ އަވަށަކަށް ބޭނުންވާ ވަރަށް އުމްރާނީ ގިނަ ވަސީލަތްތަކެއް ގާއިމްކުރެވި، އެ ހިދުމަތްތަކުގެ ތެރެއިން ހިންގަމުން އަންނަ ތަނެކެވެ. ވިސްނާލާށެވެ. މިއުޅެނީ އަހަރަކު 7 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖެ ގެނެސް އެ މީހުންނަށް ހިދުމަތް ދޭށެވެ. އެހެންކަމަށް ވާނަމަ އެ 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ އިތުރުން ފެން ހިންދާނެ ނިޒާމުތަކުގެ އިތުރުން އެތައް އެތައް ހިދުމަތްތަކެއް އަސާސީ ގޮތެއްގައި ގާއިމްވެފައި ހުންނަން ޖެހެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ

ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެތަނަށް ވަޑައިގެންނެވިއެވެ. އެދުވަހު ތިލަވެގެންދިޔައީ މުޅިން އާ ވާހަކަތަކެވެ. ސައުދީ ބިންލާދިން ގުރޫޕާއި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރިއިރު އެ މަސައްކަތްތައް ހަވާލުކުރީ މުޅި އެއާޕޯޓަށް އިތުރު ވެގެންދާނެ ކަރަންޓު ކޮންޒަމްޕްޝަނަށް ބެލުމެއް ނެތިއެވެ. މާނައަކީ އެއާޕޯޓަށް އާ ޓާމިނަލެއް އިތުރުވެގެންދާ އިރު އެތަނަށް ކަރަންޓު ދެވޭނެ ގޮތެއްނެވެ. އެތަނަށް ބޭނުންވާނެ ކަރަންޓު އުފައްދާނެ ގޮތެއް ނެތެވެ. އަދި އެކަރަންޓު އުފެއްދުމަށްފަހު ފޯރުކޮށްދެވޭނެ ގޮތެއްވެސް ނެތެވެ. އާ ޓާމިނަލް ފިނިކުރުމަށްޓަކައި ބޭނުންކުރަނީ ފެނުން ފިނި އުފައްދާ ނިޒާމެއް ކަމަށްވާއިރު، އެތަނަށް ފެން ފޯރުކޮށްދެވޭނެ ގޮތެއްވެސް ނެތެވެ. އަދި އެ ފެން އުފެއްދޭނެ ގޮތެއްވެސް ނެތެވެ. ޖުމްލަކޮށް 7 މިލިއަން ފަސިންޖަރުންނަށް "ފެން" ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމާމެދު ހިޔާލުވެސް ކޮށްފައިނެތީއެވެ. ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމުގެ ވިސްނުންވެސް ނެތީއެވެ. މި ދައްކަނީ އާ ޓާމިނަލަށް އަންނަ 7 މިލިއަން ފަސިންޖަރުންނަށް ފާހާނާ ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނެތް ވާހަކައެވެ.

ވެލާނާ އެއާޕޯޓްގެ އާ ތާމިނަލްގައި އެމްއޭސީއެލްގެ މުވައްޒަފުން

އޭރު އޮތް ގޮތުން މާލެއިން ކަރަންޓު ކެނޑިއްޖެ ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތަކަށް ބުރޫ އަރާނެއެވެ. ބެކަޕް ޖަނަރޭޓަރުން 7 މިލިއަން ފަސިންޖަރުންނަށް 7 މިނިޓަށްވެސް ކަރަންޓު ނުދެވޭނެއެވެ. އެހެންކަމަށްވާނަމަ ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި އާ ޓާމިނަލްގެ އޮޕަރޭޝަން ބޮއްސުންލާނެއެވެ. ދެން އޮތީ ފެނުގެ ނިޒާމެވެ. އެއާޕޯޓުގެ އާ ޓާމިނަލްގެ އެއާކަންޑިޝަންތައް ދައުރުވާ ފެނާއި ނުލާ ފިނިކުރާނީ ކިހިނެތް ހެއްޔެވެ؟ ފަރުމާކުރެވިފައިވާ ގޮތުން، މި އެއާކޮންޑިޝަންތައް މެދުވެރިކޮށް މުޅި އާ ޓާމިނަލް ފިނިކޮށްފައި ބެހެއްޓުމަށް ގަޑިއަކު އެތައް ލީޓަރެއްގެ ފެން ފޯރުކޮށްދޭންޖެއެވެ. ލިސްޓު ލިޔާނަމަ، ހުރީ ހުސް ނުނިމި ނުވަތަ ހަވާލުވެސް ނުކޮށްކުރި، ނުވަތަ ފައިސާވެސް ހަމަނުޖެހި ހުރި ކަންކަމެވެ.

ރައީސް ޑރ. މުއިއްޒަށް މިކަންކަންވީ އަވަސް ހައްލުތައް ހޯދަންޖެހޭ މުހިންމު ކަންކަމަށެވެ. ވަގުތުން ފިޔަވަޅު އަޅުއްވައި އާ ޓާމިނަލް ހުޅުވުމުގެ ކުރިން މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެންގެވިއެވެ. އެމް.އޭ.ސީ.އެލްގެ އާ މެނޭޖްމަންޓުން މިކަމުގެ މަސައްކަތް ފަށައިގަތީ އެހިސާބުންނެވެ. އޭގެ ކުރިން ހުރީ ބިއްލޫރި ޖަހާފައިހުރި އާ ޓާމިނަލްގެ ނަމުގައިހުރި "ތޮށިގަނޑު"އެކެވެ.

އެންމެ ފުރަތަމަ ކަރަންޓު!

އާ ޓާމިނަލް އޮޕަރޭޝަނަށް ގެނެސް، ހަކަތައިގެ ރައްކާތެރިކަމާއި މިނިވަންކަން އެއާޕޯޓަށް ކަށަވަރުކުރުމަށްޓަކައި 4 ޖަނަރޭޓަރުގެ މައްޗަށް އެކުލެވޭ 16 މެގަވަޓްގެ ކަރަންޓު އުފައްދައިދޭ އެންމެ ޒަމާނީ ފެންވަރުގެ ޕަވަރހައުސްއެއް އެމް.އޭ.ސީ.އެލްއިންހުޅުލޭގައި ގާއިމްކޮސް އޮޕަރޭޝަނަލައިޒްކުރިއެވެ. މި ޕަވަރހައުސް އޮޕަރޭޝަނަލައިޒްކޮޑް ފުއްދާލީއެއްނޫނެވެ. ރަންވޭގެ ވަށައިގެންނާއި، ރަންވޭގެ ދަށުން ކަރަންޓު ފޯރުކޮށްދޭނެ ޑިސްޓްރިބިއުޝަން މެކޭނިޒަމްތައް ގާއިމްކޮށް، މުޅި އެއާޕޯޓުގެ ކަރަންޓުގެ އެއް ވިއުގައިން ގުޅުވާލީއެވެ. މާލެއިން ކަރަންޓު ދިޔަސް، އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ދާއިމީ ފޯމިއުލާއެއް އެމް.އޭ.ސީ.އެލްއިން އުފެއްދީއެވެ.

ވެލާނާ އެއާޕޯޓްގައި ގާއިމްކުރި އާ ޓާމިނަލް

އާ ޓާމިނަލަށް ފެން ފޯރުކޮށް ދޭނީ އާ ޕައިޕްލައިނަކުން!

އާ ޓާމިނަލަށް ފެން ފޯރުކޮށްދޭނެ އެއްވެސް ފޯމިއުލާއެއްނެތި، އާ ޓާމިނަލްގެ މަސައްކަތް 2023 ގައި ނިންމާލި ކަމަށް ބުނާތީ ހަމަ ހައިރާންވެއެވެ. އާ ޓާމިނަލަށް ފެން ފޯރުކޮށްދިނުކުގެ ވިއުގައަކީ އަލަށް ފަރުމާކުރެވިގެން، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން، އެހެން އެއްވެސް ފަރާތަކަށް ބަރޯސާވުމެއްނެތި، އެއާޕޯޓާއި އާ ޓާމިނަލް ފެނަށްޖެހުނަނުދީ ހިފަހައްޓާނެ ކެޕޭސިޓީގައި ގާއިމްކުރި މުހިންމު ވިއުގައެވެ. 2 ކިލޯމީޓަރުގެ ދިގު މި ޕައިޕްލައިނަކީ އެއްވެސް ކޮންޓްރެކްޓަރަކަށް ބާރޯސާ ވުމެއްނެތި، އެމް.އޭ.ސީ.އެލްގެ ވޯޓާ ސަޕްލައި އެންޑް ސްވަރޭޖް ސިސްޓަމުން ކުރިއަށް ގެންދިޔަ، ބުރަ އަދި މުހިންމު މަސައްކަތެކެވެ. މި ޕައިޕްލައިންގެ 635 މީޓަރު ހޮޅި އަޅާފައިވަނީ ހުޅުލޭގެ ހުޅަނގު ފަރާތު ފަޅު ތެރެއިންނެވެ. ރެކޯޑު މުއްދަތެއްގެ ތެރޭގައި އެމް.އޭ.ސީ.އެލްއިން މި މަސައްކަތް ނިންމައި އާ ޓާމިނަލާއި ޖުމްލަކޮށް މުޅި އެއާޕޯޓަށް، އެއް ވިއުގައެއްގެ ދަށުން ފެން ފޯރުކޮށްދިނުމަށް ގުޅާލާފައި ވެއެވެ.

ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރުތައް ވަނީ

ހެޑް އޮފް ސްޓޭންޑް ރޯޑް ނުވެސް ނެތް!

އެއާޕޯޓެއްގެ ހިދުމަތުގެ މައި ނާރަކީ ހެޑް އޮފް ސްޓޭންޑް ރޯޑެވެ. މިއީ އޭރޯބްރިޖްތަކުގެ ދަށުން، ޓާމިނަލާއި ޖެހިގެން އޮންނަ ފުޅާ މަގެކެވެ. މިއީ ކޭޓަރިންގ ޓްރަކްތަކާއި، ފަސިންޖަރުންގެ ބެގޭޖް ލޯޑުތަކާއި، އެއާކްރާފްޓު ޓަގުތަކާއި، ގްރައުންޑް ޕަވަރ ޔުނިޓު (ޖީޕީޔޫ)ތަކުގެ އިތުރުން ހިދުމަތް ފޯރުކޮށްދޭ ކޮންމެ ވެހިކަލެއް ދުއްވަން ހާއްސަ ކުރެވިފައި އޮންނަ މަގެވެ. މި މަގު ނެތް ނަމަ، އެއާކްރާފްޓަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ނުވާނެ ކަމެކެވެ. އެތައް ހިދުމަތެއް ނުދެވި، ފަރުޖައްސާލަން ޖަހޭނެއެވެ. އޭރޯބްރިޖުގެ ބޭނުން ކެނޑުނީއެވެ. މިއީ އެއާޕޯޓާއި އާ ޓާމިނަލްގެ ރައްކާތެރިކަމުގެ މައި ނާރުވެސް މެއެވެ. މި މަގު ވުޖޫދުގައި ވެސް ނެތީއެވެ. އެންމެ ފަހުން، ރައީސް ޑރ. މުއިއްޒު ދުރު ވިސްނުންފުޅުގެ ދަށުން، އަވަސް މުއްދަތެއްގެ ތެރޭގައި މި މަގުގެ މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް މަސައްކަތް ނިންމާލީއެވެ. މިއީ ރަންވޭއެއްގެ ފަންވަރުގައި، ގާތް ގަނޑަކަށް އެ ބޯމިނުގައި ހަދާފައިވާ މަގެކެވެ. މި މަގާއި ނުލާ އެއާޕޯޓެއް އޮޕަރޭޓެއް ނުކުރެވޭނެއެވެ.

ވެލާނާ އެއާޕޯޓްގެ ރަންވޭގައި ފްލަިއޓްތައް ޕާކްކޮށްފައި

ނަރުދަމާގެ ނިޒާމެއް ފެންނަން ވެސް ނެތް!

ބޮޑު ޓާމިނަލެއް ހަދާ ނިމޭއިރު، އޭގެ ވަށައިގެންވާ ކަންކަމާއި ގުޅިފައިވާ އުމްރާނީ ހިދުމަތްތަކާއި ވަސީލަތްތަކާ މެދު ފުންކޮށް ވިސްނަން ޖެހެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ތައްޔާރުވެގެން އައިއިރު 7 މިލިއަން ފަސިންޖަރުން ފާހާނާ ބޭނުންނުކޮށް ތިބުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ހިތާމައަކީ އާ ޓާމިނަލްގެ މަސައްކަތް ހަވާލު ކުރި އިރު، ޕްލޭނާ އެއްގޮތަށް މި މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައި ނުވާ ކަމެވެ. މި ހާލަތަށް އައުމުން، އެމްއޭސީއެލްގެ އިސްނެގުމުގެ މަތީން ހައިވޭގެ ދަށުން، ސެވަރޭޖް ސިސްޓަމް ގާއިމްކުރުމަށް ޑްރިލްކޮށް، ކާމިޔާބުކަމާއެކު ނިންމާލީ ޖުމްލަ 2.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްފައެވެ. މި ސިސްޓަމް މިހާރުވަނީ އާ ޓާމިނަލާ ގުޅުވާލާފައެވެ.

އެއް ޓާމިނަލުން އަނެއް ޓާމިނަލަށް ތެމިގެން؟

އާ ޓާމިނަލާއެކު ޓީ ވަން، ޓީ ޓޫ ނިޒާމަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަދަލުވެގެންދާއިރު، ދެ ޓާމިނަލްގެ ދެމެދުގައި ފަސިންޖަރުން ހިގަންވީ އަވީގައެވެ. ވިއްސާރަ ދުވަހެއް ނަމަ ތެމިގެންނެއެވެ. އެއީ އެކަން ވާންޖެހޭ ގޮތެއް ނޫނެވެ. އާ ޓާމިނަލް ވުޖޫދުވެގެން އައި އިރު މިއީވެސް ނުވިސްނާ އޮތް ބޮޑު މަސައްލައެކެވެ. މިކަން ހައްލުކުރުމަށްޓަކައި އެމް.އޭ.ސީ.އެލްގެ ޓީމުތައް ގުޅިގެން ކުރެވުނު މަސައްކަތުން އާ ޓާމިނަލާއި މިހާރުގެ ޓާމިނަލް ޓަނަލެއް މެދުވެރިކޮށް ގުޅުވާލިއެވެ. އިންޖިނޭރިންގ އެކިއެކި ގޮންޖެހުންތަކާއެކުވެސް އެމް.އޭ.ސީ.އެލްއިން މިކަން ނިންމާލީ އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫނާރާނެހާ އޮމާންކަމާއެކުގައެވެ.

އެމްއޭސިއެލްގެ މުވައްޒަފުން

ޑްރެއިނޭޖާއި، ޓްރެފިކް ފްލޯއާއި މަގުތައް ވީ ކޮންތާކު؟

އާ ޓާމިނަލާއި ގުޅުވައިގެން ގާއިމްކުރަންޖެހޭ ފެންހިންދުމުގެ ނިޒާމު ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ. އެކަން ހިޔާލުކޮށްފައިވެސް ނެތީއެވެ. ބައިމީޓަރު ފުޅާ ހޮޅި، ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެން އަޅާ ނިންމާލުމަކީ ކުޑަ ކަމެއް ނޫނެވެ. 2023ގައި ނިންމާލި ކަމަށް ބުނާ އާ ޓާމިނަލްގެ މި މަސައްލަތްވެސް ކުރަންޖެހުނީ އެމް.އޭ.ސީ.އެލްއަށެވެ. މިކަމަށްޓަކައި ޖުމްލަ 6 ކިލޯމީޓަރުގެ ހޮޅި ލައިނެއް ގާއިމްކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެން ހިންދާލެވޭނެ ނިޒާމެއް މިހާރުވަނީ ގާއިމްކުރެވިފައެވެ. މިފަދަ ބޮޑު ސަރަހައްދަކަށް އެއާޕޯޓުގެ އާ ޓާމިނަލް ފެތުރިގެން ދާއިރު، ޓްރެފިކަށް އަންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟ މިއީވެސް ދުރާލާ ވިލަރެސްކުރެވިފައިވާ ކަމެއް ނޫނެވެ. ބްރިޖާއި ހުޅުމާލެ ހައިވޭއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަން އޮންނަ މަގުތައް ހެދުމާއެކު، ފަސޭހަކަމާއެކު ދެ ލޭނަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެމް.އޭ.ސީ.އެލްއިން މިހާރު އަންނީ އާ ޓާމިނަލްގެ ކުރިމަތީ މަގުތައް އެންމެ ޒަމާނީ ފެންވަރުގައި ތަރައްގީ ކުރަމުންނެވެ. މިއާއެކު މި ފަސޭހަތައްވެސް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރުތައް ވަނީ

މިއީ އާ ޓާމިނަލާއި ގުޅުވައިގެން ބިނާކުރަން ޖެހޭ އުމްރާނީ ވަސީލަތްތަކެވެ. ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކެވެ. އެ ކަންކަމާއި ނުލާ އާ ޓާމިނަލުން ހިދުމަތް ނުދެވޭނެ ކަންކަމެވެ. މި މަސައްކަތްތައް ނުލާ 9 އަހަރުން އެ ނިންމުނީ އާ ޓާމިނަލްގެ 54.63 ޕަސެންޓް މަސައްކަތެވެ. އާ ޓާމިނަލްގެ މަސައްކަތްތަކުގެ ތެރެއަށް ޕަވަހައުސްގެ މަސައްކަތާއި، ފެނުގެ ނިޒާމާއި، ނަރުދަމާއާއި، ޑްރެއިނޭޖް ސިސްޓަމާއި، މަގުތަކާއި، ހެޑް އޮފް ސްޓޭންޑް މަގުގެ މަސައްކަތް ހިމަނާލުމުން، މި ޕަސެންޓް އުޅޭނީ އެންމެ 40 ޕަސެންޓްގައެވެ. އެހެންކަމުން، 9 އަހަރު ދުވަހުން އުޅެގެން ނިންމާލެވުނީ އާ ޓާމިނަލްގެ މަސައްކަތްތަކުގެ އެންމެ 40 ޕަސެންޓްއެވެ. ރައީސް ޑރ. މުއިއްޒު ވަޑައިގެން އެންމެ 18 މަސްދުވަހުން އެ ނިންމާލެއްވީ ގާތްގަނޑަކަށް ތަނުގެ 60 ޕަސެންޓް މަސައްކަތެވެ.