ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ "އިންޑަސްޓްރިއަލް ރިލޭޝަންސް" ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މަޖިލީހުން އެ ބިލު ބަލައިގެންފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެ ބިލަށް ވޯޓު ދެއްވި 43 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން އެ ބިލު ދިރާސާކުރުމަށްޓަކައި އެ ދުވަހު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އަށް ވަނީ ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12 ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ، އެ ބިލަށް ހިޔާލެއް އޮތް ނަމަ އެ އިދާރާ އަށް ލިއުމުން، ނުވަތަ އިގްތިސޯދީ ކޮމިޓީގެ އީމެއިލަށް ފޮނުވޭނެ ކަމަށެވެ.
ޝަރީފް ހުށަހެޅުއްވި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ އެ ބިލު ހުށަހެޅިތާ ހަތް މަސް ދުވަސް ފާއިތުވީ ފަހުންނެވެ. މަޖިލީހަށް މި ބިލު އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ މާޗް މަހުގެ 19 ގައެވެ.
ސަރުކާރުން ބުނި ގޮތުގައި، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ހުށަހަޅާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފައްދައި އެފަދަ ޖަމިއްޔާތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ
އެ ބިލު ހުށަހެޅުއްވި ޝަރީފް ބިލަށް ބަހުސްކުރައްވަމުން ވިދާޅުވީ، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ މަސައްކަތްތެރިންގެ ހައްގުތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާގައި ތިބޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ބިންގަލެއްގެ މައްޗަށް ގާއިމްކުރުމަށްޓަކައި މުހިންމު ބިލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވިގެން ދިޔަތާ 15 އަހަރު ވީ އިރު ވެސް، ގާނޫނުއަސާސީގެ ދަށުން މަސައްކަތްތެރިންގެ ހައްގުތަކާއި އެ މީހުންގެ އުޖޫރަ ކަނޑައެޅުމާއި އަދި މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކުރުމަށްޓަކައި ފާސްކުރަން ޖެހޭ ގާނޫނު މިއަދާ ހަމައަށް ވެސް ފާސްކޮށްފައި ނުވާ ކަމަށެވެ.
ހަަމަ އެހެންމެ، އިންޑަސްޓްރިއަލް މަސައްކަތްކުރާ ފަރާތްތަކާއި އިގްތިސޯދުގެ އެކި މަސައްކަތްތައް ކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ހައްގު ހިމާޔަތްކުރުމާއި، ވަޒީފާ ދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ވަޒީފާ އަދާކުރާ ތަންތަނުގެ ގުޅުން އެކަށީގެންވާ ގާނޫނީ ބިންގަލެއްގެ މަތީގައި އޮތުމަށްޓަކައި އޮންނަ ގާނޫނެއް ވެސް ނެތްކަން ޝަރީފް ފާހަގަކުރެއްވިއެވެ.