މި އަހަރުގެ ދެން އޮތް ދުވަސްތަކަށް ކަނޑައަޅާ ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތުގެ މަތިން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލާފައި ވަނީ ގާނޫނާ ހިލާފަށްކަން ފާހަގަކޮށް ދަ ޑިމޮކްރެޓްސްއިން ބުނީ ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބާއި، ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓުގެ ތަފްސީލް އެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ހަރަދުގެ ބޮޑުބައި ހިމެނިފައިވާ ހައުސިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ހާއްސަ ބަޖެޓުން ހަރަދު ކުރާނޭ ޕްރޮގްރާމްތަކުގެ ތަފްސީލު ސަޕްލިމެންޓްރީ ބަޖެޓުން ވަކިވަކިން އެނގެން ނެތްކަން ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.

މީގެއިތުރުން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅުއްވި ބަޖެޓުގެ ޕޮޒިޝަން ރިޕޯޓްގައި ހިމެނޭ، މި އަހަރުގެ ބަޖެޓާއި، ވިދިގެން އަންނަ މާލީ 2 އަހަރުގެ ބަޖެޓަށް ކުރާނޭ އިގްތިސޯދީ އަދި މާލީ އަސަރަށް މި ސަޕްލިމެންޓްރީ ބަޖެޓްގެ ސަބަބުން ބަދަލު އަންނާނެ ކަަން ފާހަގަކޮށް ދަ ޑިމޮކްރެޓްސްއިން ބުނީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމުގައި ބަޖެޓް ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީޙުގެ ތަޅުމަށް ހުށަހެޅިއްޖެ ކަމަށްވާ ނަމަ އެ ކަން ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގައަކަށް ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ގާނޫނުތަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަނޭޅޭނެ ކަމަށް އެ ޕާޓީއިން ބުނެއެވެ.