އިދާރީ މުވައްޒަފުންގެ އެލަވަންސް ބޮޑުކޮށް، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 196.2 މިލިއަން ރުފިޔާ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ އިދާރާ އަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުންނެވެ.

އެއީ މީގެ ހަފްތާ އެއް ކުރިން އެ ކޮމިޓީ އަށް ހުށަހެޅި އަދަދު ކަމަށްވާ 187 މިލިއަން ރުފިޔާ އަށް ވުރެ 9.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 'ނިއު ޕޮލިސީ އިނީޝިއޭޓިވް'ގެ ގޮތުގައި ހަރަދުކުރުމަށް ހުށަހެޅި 4.2 މިލިއަން ރުފިޔާ އާ ނުލާ މަޖިލީހުގެ އިދާރާގެ ބަޖެޓަކީ 192 މިލިއަން ރުފިޔާއެވެ.

މިދިޔަ ހަފްތާގައި މަޖިލީހުގެ އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އިދާރީ ކަންކަމުގެ ހެޑް އަހްމަދު ފާއިޒް މުހައްމަދު ވިދާޅުވީ، އަންނަ އަހަރު މަޖިލީހުގެ އިދާރާގެ ބަޖެޓު އިތުރުވާނެ މައިގަނޑު ސަބަބަކީ ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި މެންބަރުންގެ އަދަދު އިތުރުވާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ބަޖެޓުގައި ހިމެނުމަށް މަޖިލީހުގެ ބަޖެޓު އެކުލަވާލައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވަނީ އާންމު ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު
  • ނަމަވެސް ކޮމިޓީތައް އެކުލަވާލުން ލަސްވެ، ބަޖެޓު ހުށަހަޅަން ޖެހޭ ދުވަސް ގާތްވަމުން ދާތީ ފިނޭންސް މިނިސްޓްރީ އަށް ވަނީ ބަޖެޓު ފޮނުވާފައި
  • އަންނަ އަހަރުގެ ބަޖެޓު އެކުލަވާލީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އެލަވަންސްތައް ވެސް ބޮޑުކުރުމަށް ފާސްކޮށްފައެވެ.

އާންމު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ އިދާރާ އިން ނިންމާފައި ވަނީ މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް ބޮޑުކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ނިންމީ އިދާރީ މުވައްޒަފުންގެ އަސާސީ މުސާރަ އަށް ބަދަލު ގެނެސްފި ނަމަ އިތުރު ގަޑި އާއި ޕެންޝަނަށް ދައްކާ ފައިސާ އިތުރުވެ، ބަޖެޓަށް ބާރު ބޮޑުވެދާނެތީ ކަމަށެވެ.

މިގޮތުން މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އެލަވަންސްތަކަށް ގެނައި ބަދަލުތަކަކީ:

  • ޕާލިމެންޓް ސާވިސްގެ ނަމުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200 ރުފިޔާގެ އެލަވަންސް ހާޒިރީ އެލަވަންސަށް ބަދަލުކުރުން
  • ޕާލިމެންޓްރީ ސާވިސްގެ އެލަވަންސަށް އަސާސީ މުސާރައިގެ 20 ޕަސެންޓް އިތުރުކުރުން
  • މާސްޓާސް ހާސިލްކޮށްފައިވާ މުވައްޒަފުންގެ އެލަވަންސް 1،500 ރުފިޔާ އިން 2،000 ރުފިޔާ އަށް ބޮޑުކުރުން
  • ޑިގްރީ ހާސިލްކޮށްފައިވާ މުވައްޒަފުންގެ އެލަވަންސް 1،000 ރުފިޔާ އިން 1،500 ރުފިޔާ އަށް ބޮޑުކުރުން
  • ޑިޕްލޮމާ ހާސިލްކޮށްފައިވާ މުވައްޒަފުންގެ އެލަވަންސް 700 ރުފިޔާ އިން 1،000 ރުފިޔާ އަށް ބޮޑުކުރުން
  • ޓެކްނިކަލް ސެޓްފިކެޓް ހާސިލްކޮށްފައިވާ މުވައްޒަފުންގެ އެލަވަންސް 500 ރުފިޔާ އިން 700 ރުފިޔާ އަށް ބޮޑުކުރުން

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓަކީ 182 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 14.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.