އެ އިރެއްގައި އޮންނަ ސަރުކާރަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ހޯދައި، ގާނޫނެއް ފާސްކޮށްގެން ވިޔަސް އެކަންކަން ހުއްޓުވަން ޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން ދިއުން ހުއްޓުވުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ނިމިގެންދާ ކޮންމެ އިންތިހާބަކަށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ނުފޫޒު ފޯރުވާތަން އަބަދު ވެސް ފެންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ މަހު ވެރިކަމާ ހަވާލުވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސް މި މަންޒަރުތައް ފެންނާނެ ކަމަށާއި، އެންމެ އަވަހަށް މި މަންޒަރުތައް ފެންނާނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަމަށެވެ.
އެހެންކަމުން އިންތިހާބުތަކަށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ ހުށަހެޅުއްވީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ބަދަލުގައި ޕާޓީތަކުގެ އިސްސަފުގައި ތިއްބަވާ ބޭފުޅުން ކެމްޕެއިންތަކުގައި ހަރަކާތްތެރިވާ ގޮތަށް، ކޮމިޓީ މަރުހަލާ އަށް އިމްތިޔާޒް ހުށަހެޅުއްވި ގަރާރު ފޮނުވައި ދިރާސާކުރުމަށް ފަހު ގާނޫނެއް އެކުލަވާލުމަށެވެ.
ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސަރުކާރުން ކުރީ ކޮން ކަންތައްތަކެއްތޯ ބަލައި، ގާނޫނުތަކާ ހިލާފަށް ސަރުކާރުން އަމަލުކޮށްފައިވާ ނަމަ ބެލެން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނާ ހިލާފަށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ކަންކުރާ ނަމަ އެފަދަ ކަންކަން ހުއްޓުވުމަށް މަޖިލީހަށް ގޮތްތަކެއް ރޭވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، ނުފޫޒުން އެއްކިބާވެ އިންތިހާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ގޮނޑިއެއް ހޯދަން ބޭނުން ނަމަ އިންތިހާބަށް ނުފޫޒު ފޯރުވައިގެން ގޮނޑިއެއް ކަށަވަރުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ރާއީ އެކޭ އެއްފަދައިން، އެ އިރެއްގައި އޮންނަ ސަރުކާރަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި އުސޫލެއް އެކުލެވިފައި އޮންނަން ޖެހޭނެ ކަމަށް އާމިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް ކަމަށް ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އެ އިރެއްގައި ހުންނަ ރައީސަކަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކުރާ އުސޫލެއް އެކުލެވިފައި އޮތުން މުހިންމެވެ.
މި ކަންކަމަށް މަގުފަހިކުރުމަށްޓަކައި މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ހިންގޭނެ އުސޫލެއް އޮންނަން ޖެހޭނެ ކަން އާމިރު ފާހަގަކުރެއްވިއެވެ.
އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން ދިއުން ހުއްޓުވުމަށް ގޮވާލާ ހުށަހެޅި ގަރާރަށް މީގެ ކުރިން ވެސް ބަހުސްކުރެއްވި ބައެއް މެންބަރުން ވަނީ އެކަންކަން ނުހުއްޓުވޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން ދިޔައިރު ދައުލަތުގެ ކަމާބެހޭ ބައެއް މުއައްސަސާތަކުން ތިބީ އަޅާނުލާ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ފާޑުވިދާޅުވެފައިވެސް ވެއެވެ.