އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާ ވާހަކަ އަކީ ބާވެފައިވާ ވާހަކައެއް ކަމަށާއި، އެ އިރެއްގައި އޮންނަ ސަރުކާރަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލައްވާ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އަބަދު ވެސް އެ އިރެއްގައި އޮންނަ ސަރުކާރަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ވާހަކަ ދެކެވޭ ކަމަށެވެ. މި ސަރުކާރަށް ފަހު ދެން އަންނަ ސަރުކާރަކުން ވެސް މި ކަންކަން ތަކުރާރުވަމުން ދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ވަނީ އަލީ ހުސައިންގެ ނުކުތާ ފާހަގަކުރައްވައިފައެވެ.
"މިއަދު [ވޯޓު] ކަރުދާސްކޮޅުގައި ފާހަގަ ނުޖަހާފާނެ، އެހެން ނަމަވެސް ނުފޫޒާއި ބާރާއި ފައިސާ، މި ހުރިހާ އެއްޗެއް ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ސަރުކާރުތަކުން ކުރަމުން ގެންދާ މަސައްކަތް މިއަދު ވެސް ހަމަ ހުއްޓުމެއް ނެތި ކުރިއަށް ދަނީ،" އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ، މި ސަރުކާރުގެ ކުރިން އައި ސަރުކާރުތަކުން ވެސް އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުން އެމްޑީޕީން ވެރިކަމަށް އައީ މިކަން ހުއްޓުވުމަށް ކަމަށާއި، ނަމަވެސް ފެނިވަޑައިގަންނަވަނީ ދިމާ އިދިކޮޅަށް މިސްރާބު ހުރި މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށް، ރައީސް ވެސް ޖަވާބުދާރީކުރުވިގެންނެވެ.
މި ގަރާރަށް ބަހުސްކުރައްވަމުން ގަރާރު ހުށަހެޅުއްވި އިމްތިޔާޒް ވިދާޅުވީ، އިންތިހާބުތަކުގެ ކުޑަ ދުވަސްކޮޅެއް ކުރިން ހިނގާ ކަންކަމަކީ އިންސާފުވެރި ނޫން ގޮތަކަށް ހިނގާ ކަންތައްތައް ކަމަށް އަމިއްލަ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ދެކޭ ކަމަށެވެ.
"މިސާލަކަށް ދައުލަތުގެ ރިސޯސްތައް ނަހަމަގޮތުގައި ބޭނުންކުރާ ކުރުން މި ހުރިހާ ތަންތަނަކުން (ޖަމިއްޔާ ޖަމާއަތްތަކުން) މިހާތަނަށް ނެރުނު ޕްރީލިމިނަރީ ރިޕޯޓުތަކުގައި ފާހަގަކޮށްފައި އެބަހުރި، ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ނަހަމަގޮތުގައި ބޭނުންކުރާތީ ބޮޑެތި ތުހުމަތުތައް ސަރުކާރުގެ މައްޗަށް އެބައޮތް،" އިމްތިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސްގެ ރަސްމީ ދަތުރުފުޅުތަކާއި ކެމްޕެއިން ދަތުރުފުޅުތަކާ އެއްކޮށްލައިގެން ކެމްޕެއިންކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި، މިއީ ރައްޔިތުންނަށާއި އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ. މީގެ އިތުރުން ސަރުކާރުން މީގެ އެތައް ދުވަހެއް ކުރިން ނިންމާފައި ހުންނަ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
އެއާއެކު، ސަރުކާރުގެ ބައެއް ކުންފުނިތައް ކަމަށްވާ ސްޓެލްކޯ އާއި ފެނަކަ ފަދަ ބައެއް ކުންފުނިތަކުގެ މުދަލާއި ފައިސާ ހިފައިގެން ސަރުކާރުން ކެމްޕެއިންކުރަމުންދާ ކަމާއި، އެ ކުންފުނިތަކުގެ ކޮރަޕްޝަން އެބަހުރި ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ، ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ މައްސަލަތައް ހުށަހަޅަމުންދާއިރު ދައުލަތުގެ މުއައްސަސާތައް އަޅާނުލާ ތިބީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ 70 އަށް ވުރެ ގިނަ އޭސީސީ އަށް ހުށަހެޅި ނަމަވެސް، މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ކުރި އެއްވެސް މަސައްކަތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އިންތިހާބުގެ ދެވަނަ ބުރަކަށް ކުޑަތަންވަމުން ދާއިރު ސަރުކާރުގެ މުވައްޒަފުންނަސް ބިރު ދެއްކުމާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ބިރު ދެއްކުން ފަދަ ކަންކަން ސަރުކާރުން ރޯމާ ދުވާލު ދަނީ ކުރަމުންނެވެ.
"ގާނޫނުތަކާއި ގަވައިދުތައް ހިންގޭ ނަމަކަ މިހާ ބޮޑަކަށް މި މައްސަލަތަކެއް މިހާ ބޮޑަކަށް [އިންތިހާބުތަކަށް] ނުފޫޒު ފޯރުވުމެއް މިހާ ބޮޑަކަށް ކޮރަޕްޝަންގެ އަމަލުތަކެއް ނުހިނގާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.