އިންތިގާލީ މަރުހަލާ ނުވަތަ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކުން ލިޔެކިއުންތައް ނައްތާލާ ކަމަށް ބުނެ، މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފެއް ކަމަށްވާ މީޓަރު ޓެކްނީޝަން އަހްމަދު އަނީސް ވަނީ، އެ ކުންފުނީގެ ލިޔެކިއުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައި، ތިލަފުށީގައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުކޮށްފައެވެ. އެކަމާ ގުޅިގެން އޭނާ ވަނީ ވަޒީފާ އިން މިހާރު ސަސްޕެންޑު ކޮށްފައެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުން ދިއުން ހުއްޓުވުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިއުންތައް ނައްތާލާ މަންޒަރު އެބަ ފެންނަ ކަމަށާއި، އިންތިގާލީ މަރުހަލާގައި ލިޔެކިއުންތައް ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިއުންތަކަކީ އަމާނާތްތެރިކަމާ އެކު ބަލަހައްޓަން ޖެހޭ ތަކެތި ކަމަށާއި، ލިޔެކިއުންތައް ހުންނަން ޖެހޭނީ ދެން އަންނަ ސަރުކާރަކަށް ވެސް ބެލޭ ގޮތަށް ރައްކާކުރެވިފައި ކަމަށެވެ.
މި ދުވަސްވަރު ލިޔެކިއުންތައް ނައްތާލާ މަންޒަރު ފެނުމުން، އެފްއެސްއެމުން ގޯސްތަކެއް ހެދިފައިވާ ކަމާއި އެ ގޯސްތައް ފޮރުވަން އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށް، އިލްޔާސް ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، ދެން އަންނަ މަޖިލީހެއްގައި ޒިންމާދާރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި އެމްޑީޕީން ތިބޭނެ ކަމަށް ބުނަމުންދާ ކަމަށާއި، ނަމަވެސް ލިޔެކިއުންތައް ނައްތާލުމަކީ ޒިންމާދާރު ބައެއް ކަންކުރާ ގޮތެއް ނޫން ކަމަށެވެ.
"ކުރިއަށް ހަވާލުވާ ސަރުކާރުން އެ މައްސަލަ ބަލަން ޖެހޭނެ، މި މައްސަލަ މިއީ ޕްރޮސެކިއުޓް ކުރަން ޖެހޭ މައްސަލަ އެއް،" އޭނާ ވިދާޅުވިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން، ވީޑިއޯ ޕޯސްޓުކުރި މައްސަލައިގައި ސަސްޕެންޑުކުރި އަނީސް ބުނީ، އެފްއެސްއެމްގެ އެޗުއާރުން ގުޅައި އޮފީހަށް އޭނާ ހާޒިރުކުރުމަށް ފަހު ގޭގައި މަޑުކުރަން އެންގި ކަމަށާއި، އޭނާ ސަސްޕެންޑުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަން ހަވާލުކުރި ޗިޓުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް 'ދަ ޕްރެސް' އަށް ވިދާޅުވީ، އޭނާ ހުންނެވީ ޗުއްޓީގައި ރާއްޖޭން ބޭރުގައި ކަމުން އެ މައްސަލައިގެ މައުލޫމާތު އެނގިވަަޑައިނުގަންނަވާ ކަމަށެވެ.