ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލިޔެކިޔުންތަކެއް ނައްތާލާކަމަށް ބުނެ ވީޑިއޯއެއް އާންމު ކުރުމުން އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފިއި ވާ ކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއަށް އެނގިވަަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެ ލިޔެކިޔުންތައް ނައްތާލާތަން ފެންނަ ވީޑިއޯ އާންމުވުމާއެކު އެ ވީޑިއޯ ނަގާފައިވާ އަހްމަދު އަނީސް ކިޔާ އެފްއެސްއެމްގެ މުވައްޒަފު އޮފީހަށް ގެންގޮސް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް އޭނާ ދަނީ ބުނަމުންނެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެމުން އަނީސް ބުނެފައި ވަނީ އޮފީހުގެ އެޗްއާރު ޑިޕާޓްމެންޓުން އޭނާ އަށް ގުޅައި އޮފީހަށް ހާޒިރު ކުރުމަށްފަހު ގޭގައި މަޑުކުރަން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާއަށް ހަވާލު ކުރި ޗިޓުގައި އެއީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބުނެދީފައިނުވާ ކަމަށް އަނީސް ބުނެއެވެ.

މި ކަމާ ގުޅިގެން އެފްއެސްގެ މެނޭޖިގް ޑިރެކްޓަރު މުހައްމަދު ގަސަމް "ދަ ޕްރެސް" އަށް ވިދާޅުވީ އޭނާ ހުންނެވީ ޗުއްޓީގައި ރާއްޖެއިން ބޭރުގައި ކަމަށާއި އެހެންކަމުން އެ މައްސަލައިގެ މައުލޫމާތު އެނގިވަަޑައިގެންފައި ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ބޮޑެތި ޖަންބޯ ގޯނިތަކެއްގައި ހުރި ލިޔެކިޔުންތަކެއް ސިމެންތި ގަށާ މެޝިނަަކަށް އަޅައި ނައްތާލާ މަންޒަރެވެ.

އެ ވީޑިއޯ ރިކޯޑް ކުރަން ހުރި މީހާ، ހުރިހާ ލިޔެކިޔުންތަކެއް ކޮންކްރީޓް މެޝިނަށް ލާފައި ނައްތާލަނީ ކަމަށް ބުނާއަޑު އެ ވީޑިއޯއިން އިވޭއިރު އެވަގުތު ލިޔެކިޔުންތައް ގޯނިން ނަގަން ހުރި މީހާ ބުނަނީ "އެއީ އަނީސްމެން ކައިފައި ހުރި ލާރި" ކަމަށެވެ.