ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރުން މަޑުޖައްސާލާފައި ވާކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ މަސައްކަތާ ގުޅޭ ގޮތުން ރިޒްވީ ވިދާޅުވީ ރަންވޭގެ 1400 މީޓަރުގެ ސަރަހައްދުގައި ތާރު އަޅުމުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި އެ ރަންވޭ ސަރަހައްދު ވަގުތީގޮތުން ބޭނުންކުރަން ހުޅުވާލެވޭ މިންވަރަށް މަސައްކަތްތައް ނިމިފައިކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް އޮޕަރޭޓްކުރެވޭ ފެންވަރުގައި ތަރައްގީކުރާ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރިން ޕްލޭންކޮށްފައިވަނި، އޮގަސްޓުގެ ނިޔަލަށް އައު ރަންވޭގެ ބައެއް ނިންމާ، ޑޮމެސްޓިކް ދަތުރުތަކަށް ވަގުތީގޮތުން އެ ރަންވޭ ބޭނުންކުރަން ހުޅުވާލުމަށެވެ. އަދި މިހާރުގެ ރަންވޭ އާއި ޓާމިނަލް ނަގާ، އެ ސަރަހައްދު ކަނޑައެޅިފައިވާ ޕްލޭންގެ ދަށުން ސެޕްޓެމްބަރު މަސްތެރޭ ތަރައްގީކުރަން ފެށުމަށް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް ރިޒްވީ ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާތީ މި ނިންމުމަށް ބަދަލު ގެނެސްފައިވާކަމަށެވެ. މި ގޮތުން އައު ރަންވޭ ބޭނުންކުރެވޭ ހާލަތުގައި އޮތް ނަމަވެސް، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އައު ސަރުކާރުގެ އިތުރު ނިންމުންތަކެއް ހުރެދާނެކަމަށް ބެލުމަށްފަހު އާ ރަންވޭ ބޭނުންކުރުން މަޑުޖައްސާލާފައިވާކަމަށް ރިޒްވީ ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއިން ކުރިއަށްގެންދާ މި މަޝްރޫއަކީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.