ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ލައިސެންސް ދިނުމުގެ އުސޫލާއި އެ ފަރާތްތަކަށް ހިމާޔަތް ދެވޭނެ އުސޫލުތައް ހިމެނޭ ފޮރިން އިންވެސްޓްމެންޓުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ހުށަހަޅުއްވާ މި ބިލުގައި ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން މި ބިލުގައި ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމެންޓުތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި، އެފަދައިން ނެގޭ އިންވެސްޓްމެންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތައް ބަޔާންކުރުމަށާއި، ވިޔަފާރިކުރުމަށް ނުވާ ގޮތުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި މަސައްކަތްކުރުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު، ރާއްޖޭގައި އިންވެސްޓުކުރެވޭނެ ބޭރުގެ ފަރާތްތަކުގެ ތަފްސީލާއި އިންވެސްޓުކުރުމުގެ ހުއްދަ އަށް ބޭރުގެ ފަރާތްތަކުން އެދި ހުށަހަޅާނެ ގޮތާއި ހުއްދަ ދޭނެ ގޮތުގެ ތަފްސީލު ވެސް މި ބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން، މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާއި ލައިސެންސްގެ ޝަރުތުތަކަށާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް އަމަލުކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ލާޒިމްވާނެއެވެ.

އަދި މި ބިލުގައި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓުތައް ދައުލަތަށް ނަގާ ހާލަތްތަކުގައި އެ އިންވެސްޓްމެންޓުތަކަށް ބަދަލު ދޭން ޖެހޭނެ ކަމުގައި ވެސް ވެއެވެ.

މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، ބޭރުގެ އިންވެސްޓަރުން ގަވައިދާ ހިލާފަށް ވިޔަފާރި ހިންގާނަމަ، އެ އިންވެސްޓަރަކު ހިންގާ ވިޔަފާރީގެ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށާއި، އިންވެސްޓަރުންނަށް ދޫކުރާ ލައިސެންސް ހޯދުމަށް ސައްހަނޫން މައުލޫމާތު ހުށަހަޅައިފިނަމަ، ނުވަތަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ދައުލަތަށް އޮންނާނެއެވެ.

އެކަމަކު ދައުލަތުން ނިންމި ނިންމުމަކީ ނުރަނގަޅު ނިންމުމެއް ކަމަށް ފެންނަ ނަމަ، އެ އިންވެސްޓަރަކަށް ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާ އަށް ހައްލެއް ނުލިބިއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު އިންވެސްޓަރުންނަށް މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ ލިބިގެންވެއެވެ.

ސަރުކާރުން ބުނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމްކުރުން ކަމަށެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު މިހާރު އޮތް "ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނު" އުވާލުމަށް ސަރުކާރުން ވަނީ ހުށަހަޅައިފައެވެ.