ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން އިންޓްރެސްޓުގެ ގޮތުގައި ނަގާ ނުވަ ޕަސެންޓު ހަ ޕަސެންޓަށް ކުޑަކޮށްފިއެވެ.

އާބަންކޯ އިން ބުނީ، ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓުތަކަށް ފައިސާ ދައްކާ ފަރާތްތަކުގެ އަތުން ނަގާ އިންޓްރެސްޓު ކުޑަކުރުމުގެ ސަބަބުން ފްލެޓުތަކަށް ފައިސާ ދެއްކުމުގައި އެ ފަރާތްތަކަށް ލުއިވެގެން ދާނެ ކަމަށެވެ.

މި ބަދަލު ގެނައީ އެ ކުންފުނިން ބުނި ގޮތުގައި، ދިގު މުއްދަތައް ބަހާލައިގެން ފްލެޓުތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ސީއެމްއީސީން އަޅަން ފެށި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތައް ނިންމާލައި އާބަންކޯ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 20 ގަ އެވެ. ވިނަރެސް ފްލެޓުތައް އިމާރާތްކޮށްފައި ވަނީ ފަސޭހައިން ކުނި އުކޭ ގޮތަށް ކޮންމެ ފަންގިފިލާއެއްގައި ގާބޭޖް ޝޫޓެއް ހިމަނައި، އަލިފާނުގެ ހާދިސާ އެއް ހިނގައިފި ނަމަ އަލިފާން ވެސް ފަސޭހައިން ނިއްވާލެވޭ ފަދަ ގޮތަކަށެވެ.

ޖުމްލަ 1،344 އެޕާޓްމެންޓުގެ މައްޗަށް އެކުލެވޭ 10 ޓަވަރުގައި ހުންނަ ކޮންމެ އެޕާޓްމެންޓެއްގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 3.5 މިލިއަން ރުފިޔާ އާ ދެމެދުގައެވެ.

މިހާރު ވެސް އެ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު 288 މީހަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރެވި ބައެއް ފަރާތްތަކުން ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވާ ކަމަށް، އާބަންކޯ އިން މައުލޫމާތު ދެއެވެ.