ފެނަކައިގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކަރަންޓުގެ އަގުހެޔޮކުރަން ބަޖެޓުގައި ކަނޑައަޅާފައިވާ ސަބްސިޑީ ފައިސާ ކުރިޔާލާ ދެމުންދާ ކަން، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓްރީން އާންމުކުރި ފިސްކަލް ސްޓްރެޓަޖީ ބަޔާނުގައިވާ ގޮތުން، މި ދެ އަހަރުގެ ތެރޭގައި ކަރަންޓު އަގުހެޔޮކުރަން ދޭ ސަބްސިޑީ އަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދުތައް ހިނގާފައިވެއެވެ. ސަބަބަކީ އެ ކުންފުނީގެ ހަރަދު އިތުރުވެ، ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރަންޓު ސަބްސިޑީ އަށް އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވާތީއެވެ.
އެ މިނިސްޓްރީގެ ފިސްކަލް ސްޓްރެޓަޖީ ބަޔާނުން ދައްކާ ގޮތުން، ކަރަންޓު ސަބްސިޑީ އަށް ސަރުކާރުން ކުރާ ހަރަދު ވަނީ 1.2 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. ކަރަންޓު ސަބްސިޑީން ބޮޑު ބައެއް ދީފައި ވަނީ ވެސް ފެނަކަ އަށް ކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން ވެސް ފެނަކައިގައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކެޕިޓަލްގެ ގޮތުގައި 213.3 މިލިއަން ރުފިޔާ އެ ކުންފުންޏަށް ސަރުކާރުން ދީފައިވެއެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސް އެއް ކުންފުންޏަކީ ފެނަކައެވެ. އެ ކުންފުނީގެ ދަރަނި ދެއްކުމުގެ ގޮތުން އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް މި ފަހުން ނަގާފައިވެއެވެ.
ފެނަކަ އިން އަމިއްލަ އެކި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި 2.8 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ އިން ދަރާފައިވާ ކަމަށް ބުނެ، އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ނުދީ ލަސްވާ މައްސަލަ އަވަސްކުރުމަށް ގޮވާލައި މިދިޔަ އޭޕްރިލް މަހުގެ މެދުތެރޭ ވަނީ ގަރާރެއް ހުށަހަޅައިފައެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ކުދި ވިޔަފާރިތަކަށް ފެނަކައިން ވަގުތުން ވަގުތަށް ފައިސާ ދައްކަން ޖެހޭ ކަން ފާހަގަކުރައްވައިފައެވެ.