ދިވެހިންގެ އެހީއާ އެކު ފަލަސްތީނުގެ ގާޒާގައި އަޅަމުން ދާ ޗާލު މިސްކިތުގެ 80 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

'މަސްޖިދުލް ގުއްދޫސް' ގެ ނަމުން މި މިސްކިތަށް ނަންދީފައި ވާއިރު މި މިސްކިތް އަޅަން ފައުންޑޭޝަން އަޅާފައި ވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މި މިސްކިތުގެ އެންމެ ފަހުގެ އަޕްޑޭތު ދެމުން ބުނީ، މިމަހު 7 ވަނަ ދުވަހުގެ ހަމަނުޖެހުންތަކުގެ ކުރިން މިސްކިތުގެ 80 ޕަސެންޓުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

މިގޮތުން މުސްޖިދުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އައިއޭސީން ބުނެއެވެ. އޭގެ ތެރޭގައި ހިއްކުމާއި ބެކްފިލިންގްގެ މަސައްކަތަކާއި ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް ހިމެނެއެވެ.

ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން މަސްޖިދު ހިމެނޭ އަލްތުއްފާހް (އިރުމަތީ ގާޒާ ) ސަރަހައްދު ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އިއްޔެއާ ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތުގައި ގާޒާގައި، ތިން ބުރީގެ މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އައިއޭސީން ބުނީ މި މިސްކިތް ބިނާކުރާނީ މުންނާރަކާއެކު 1100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ކަަމަށެވެ.

އެގޮތުން ގްރައުންޑް ފްލޯގައި 410 މީހުންގެ ޖާގަ، އަދި ބެރިއާ ފްލޯގައި 300 މީހުންގެ ޖާގައިގެ އިތުރުން މަތީބައިގައި 390 މީހުންގެ ޖާގަ ހުންނާނެ ކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން ބުނީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި މިސްކިތުގައި ކާޕެޓް އެޅުމުގެ އިތުރުން އަންހެނުންނަށް ވަކިން ހާއްސަކޮށްގެން ބައެއް ވެސް ހުންނާނެ ކަމަށެވެ.