އެސްޓީއޯ އިން ބޭހާ ގުޅޭ ސާމާނު ގެންނަން އިންޑިއާގެ ކުންފުންޏަކާއެކު ހަދަން އުޅޭ އެގްރީމެންޓް ނުހެދުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ބޭހުގެ އިތުރުން އެކިއެކި ސަޕްލައި ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމުކުރުުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާކަން ފާހަގަ ވެފައި ކަމަށެވެ.

މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާ ގުޅޭ މުހިންމު ކަމަކަށް ވެފައި، ބައެއް ކަންކަން ބަލަމުން ދާތީ މި މަރުހަލާގައި އެކަން ކުރިއަށް ނުގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުން މިއި ދިވެހިންގެ އަސާސީ ހިދުމަތަކާ ގުޅޭ މުހިންމު ހައްސާސް ކަމެއް ކަމަށް ވާތީވެ މި މަރުހަލާގައި މިކަހަލަ މަސައްކަތެއް ބާރަށް ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމެއް ކަން ފާހަގަކުރައްވާ" ފިރުޒުލް ވިދާޅުވިއެވެ.

މިގޮތަށް ވިދާޅުވެފައި ވާއިރު މިދިޔަ ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ ސިއްހީ ދާއިރާ މިހާރު އޮތް ހާލަތު ދެމިގެން ގޮސްފިނަމަ އަންނަ މަހުގެ މެދާ ހިސާބަށް ދާއިރު ގިނަ ހިދުމަތްތަކެއް ހުއްޓުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

ފިރުޒުލް އޭރު ވިދާޅުވީ ސިއްހީ ދާއިރާގައި އަމަލު ކުރަމުންދާ އުސޫލަކީ ކޮންމެ އަހަރަކު 2 ފަހަރު ކޮންސިއުމަބަލްސް އޯޑަރު ކުރުން ކަމަށާއި ނަމަވެސް މިއަހަރުގެ މިހަތާނަށް އައިއިރު މި އަހަރުގެ 2 ވަނަ 6 މަސް ދުވަހަށް ބޭނުންވާ ކޮންސިއުމަބަލްސް އަށް އޯޑަރު ކޮށްފައި ނުވާ ކަަމަށެވެ.

އޭގެ ސަބަބުން ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ބައެއް ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރުތަކުގެ ހިދުމަތް ހުއްޓުމަކަށް އަންނަމުން ދާކަން މިހާރު ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ކޮންސިއުމަބަލްސް އަށް އޯޑަރު ނުކުރެވި ވަނީ ބަޖެޓުގެ ތެރެއިން ހަމަޖެހެންޖެހޭ ފައިސާ ހަމަޖެހިފައި ނުވުމުން ކަމަށާއި އެތަކެތި ނުލިބި ލެބޯޓަރީއާއި ހޮސްޕިޓަލުން ދެމުން އަންނަ އެހެނިހެން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.