ށ. ނަލަންދޫގައި ޓޫރިސްޓް ރިސޯޓު ތަރައްގޯކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 63.99 ހެކްޓަރުގެ ނަލަންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރަނީ 50 އަހަރުގެ މުއްދަތަކަށް 200 އެނދުގެ ރިސޯޓެއް ހެދުމަށެވެ.

އަދި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން މިނިސްޓްރީގެ މިހާރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން 36 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެ ރަށުގައި އިމާރާތް ކުރުމުގެ މުއްދަތެއް ދޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ދެއްކަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 24 އޮކްޓޫބަރު 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި އޮންނަ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 06 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހުގެ 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

އަދި މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ފޮނުވުމަށް އެދިފައި ވެއެވެ.

މިދިޔަ އޮގަސްޓު މަހުވެސް އެ ރަށުގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބީލަމަށް ހުޅުވާލާފައެވެ.