ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކުވައި ދިނުމަށް މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

މިރޭ ބޭއްވި ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު އެ ހިނގާލުން ފަށާފައި ވަނީ ރަސްފަންނުންނެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ކުށްވެރިކޮށް، އެކަން ހުއްޓުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނު މިނިވަން ކުރަން ގޮވާލާ އަޑު އުފުލާފައެވެ.

ހިނގާލުމުގެ ބައިވެރިން ތިބީ ފަލަސްތީނުގެ ދިދަ އަދި ފަލަސްތީނު މިނިވަން ކުރަން ގޮވާލާ ލިޔެފައިވާ އެކިއެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެންނެނެވެ. ހިނގާލުމުގެ ބައިވެރިން އިޒްރޭލްގެ މީހުން ރާއްޖެއަށް ނާދެވޭނެ ގޮތަށް ހެދުމަށް ވެސް ވަނީ ގޮވާލާފައެވެ.

މިރޭ ބޭއްވި "ފަލަސްތީނާއެކު ދިވެހިން" ހިނގާލުން / ފޮޓޯ: ދަ ޕްރެސް

މީގެއިތުރުން ހިނގާލުން ކުރިއަށް ދިޔަ ވަގުތު މުޅި މަޖީދީ މަގު ވަނީ ތަކުބީރުގެ އަޑުން ގުގުމާލާފައެވެ. ހިނގާލުން ނިންމާލާފައި ވަނީ ހެންވޭރު ފުޓުބޯޅަ ދަނޑުގައި ފަލަސްތީނަށް ނަސްރު ދެއްވުން އެދި ކުރި ދުއާއަކުންނެވެ.

ދިވެހިން ތިބީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅުކަން ހާމަކޮށް، ފަލަސްތީނާ އެކު ދިވެހިން ތިބިކަން ދައްކާލުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ހަވީރު މާލޭގައި ސައިކަލު ބުރެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ސައިކަލު ބުރަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސައިކަލު ބުރެކެވެ.

މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ރެއާއި ދުވާލު ގާޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުން ދާ އިރު ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 4،000 އަށްވުރެ މައްޗަށް އަރާފައެވެ.