ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވާދަ ކުރައްވަން ނިންމަވާ އެކަން އިއުލާނު ކުރައްވައިފިއެވެ.

އެފްއޭއެމްގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައި ވާކަން އިއުލާނު ކުރައްވާ ޓޮމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިހާރު މަހީބަދޫ ދާއިރާ ތަމްސީލުކުރައްވަން ރައްޔިތުން މަޖިލީހުގައި އިންނެވި ނަމަވެސް ޓޮމް އަކީ މީގެކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ ފޯވާޑެއްގެ ގޮތުގައި ރަން ވަނަތަކެއް ހޯއްދެވި ކުޅުންތެރިއެކެވެ. އޭނާ ވަނީ ނިއުރޭޑިއެންޓް އަދި ވީބީ ސްޕޯޓްސް ކްލަބްއަށް ވެސް ކުޅުއްވާފައެވެ.

އެފްއޭއެމްގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ދަށްވެގެން ދިއުމުން ބައްސާމަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައެވެ. ގިނަ ބަޔަކު އޭނާގެ އިސްތިއުފާއަށް ވެސް ގޮވަމުން ދާއިރު "ބައްސާމް އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ބައެއް ފަރާތްތަކުން އެބަ ކުރިއަށް ގެންދެއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާނު ކުރައްވާފައި ވަނީ ހަމައެކަނި ޓޮމްއެވެ. ނަމަވެސް ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުރިމަތިލާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ދަގަނޑޭ އެކަން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.