އަންހެނެއްގެ ލޮލަށް އިނގިލި ކޮށްޕާލި ފިރިހެނަކު 1 މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މާލެ މުއިވެޔޮމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން އަންހެން މީހާގެ ކަނާތު ލޮލަށް މީހަކު ކަނާއަތުގެ ޝަހާދަ އިނގިލި ކޮށްޕާލި ކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައިގައި އިބްތިދާއީ އަޑުއެހުމުގައި އޭނާ މުޅިން އެ ކުށަށް އިއުތިރާފް ވެފައެއް ނުވެއެވެ.
އިބްތިދާއީ އަޑުއެހުމުގައި އޭނާ ބުނެފައި ވަނީ ދައުވާއަށް މުޅިން އިންކާރު ކުރަނީ ނޫން ކަމަށާއި ގަސްދުގައި އަނިޔާއެއް ދިން ކަމަށް އިންކާރު ކުރާ ކަމަށެވެ. ނަމަވެސް ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމުގައި ޝަރީއަތް ފެށުމުގެ ކުރިން ދައުވާއަށް އިއުތިރާފް ވާން ބޭނުންކަން ހާމަކޮށް، ދައުވާއަށް ޖަވާބުދާރިވި ގޮތް ބަދަލުކޮށް އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ.
އެގޮތުން ދައުވާގައި ބަޔާންކުރާ އަންހެން މީހާ ދަންނަ ކަމަށާއި މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހު އޭނާއާ ދިމާވި ކަމަށާއި އެކަން ވީ ރުޅިއައިސްފައި ހުރި ވަގުތެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެދުވަހުވެސް މާފަށް އެދުނު ކަމަށާއި އަތުގެ އިނގިލި އަންހެންމީހާގެ ލޮލުގައި ޖެހިފައިވާނެ ކަމަށާއި އެއްވެސް މަޖުބޫރުކަމެއް ނެތި އެކަމަށް އިއުތިރާފްވާ ކަމަށް ވަނީ ބުނެފައެވެ.
މައްސަލައަށް އޭނާ އިއުތިރާފު ވެފައި ވާތީ އަވަސް ނިޔާއިން އެ މައްސަލަ ބެލުމަށް ނިންމާ ބޭއްވި އަވަސްނިޔާގެ މަރުހަލާގައި ވެސް ދައުވާއަށް ވީ އިއުތިރާފް ދަމަހައްޓަން ބޭނުން ކަމަށާއި އިއުތިރާފް ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހަމަބުއްދީގައި ހުރެ ފުރިހަމަ އިހްތިޔާރުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.
ކުށަކީ ޖުނަހްގެ 2 ވަނަ ދަރައިޖައިގެ ކުށެއް ނަމަވެސް އޭނާ އަމިއްލައަށް އިއުތިރާފް ވެފައި ވާތީ އަދަބު ވަނީ އަސާސީ މިންގަނޑުން 1 ދަރަޖަ ލުއިކޮށްދީފައެވެ. އަދި އަދަބު މަތި ކުރާނެފަދަ ރެކޯޑެއް ނެތުމުން އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބަކީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގެ ތަަހުގީގުގައި ތުހުމަތު ވި މީހާ ބަންދުގައި 15 ދުވަސް ހޭދަކޮށްފައި ވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހެނީ 1 މަހާއި 9 ދުވަހުގެ ޖަލު އަދަބެކެވެ.