ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 'ކޭކް ޑޯނާސް' އިން އިސްނަގައިގެން މާލޭގައި ކުރިއަށްގެންދިޔަ ފަންޑްރައިޒިން ހަރަކާތުން 350،000 އެއްހާ ރުފިޔާ ލިބިފައިވާ ކަމަށް ކޭކް ޑޯނާސް އިން ބުނެފިއެވެ.

ކޭކް ޑޯނާސްއިން ބުނީ، މާލެ ސަރަހައްދުގައި ހިންގި ހަަރަކާތުން 341،865 ރުފިޔާ އަދި ހދ. ފިނޭގައި ކުރިއަށްގެންދިޔަ ހަރަކާތުން 5،406 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ޖުމްލަ 347،271 ރުފިޔާ ލިބިފައިވާ އޭގެ އިތުރުން އެހީގެ ގޮތުގައި 365 ޑޮލަރާއި 55 ޔޫރޯ، 5 ޔޫއޭއީ ދިރަމް އަދި 540 ސްރީލަންކަން ރުޕީސް ލިބިފައިވާ ކަމަށް ވެސް ކޭކް ޑޯނާސްއިން ބުނެއެވެ.

މިހަރަކާތުން ލިބުނު ހުރިހާ ފައިސާއެއް މިހާޜު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފައިވާ ކަމަށް ކޭކް ޑޯނާސްއިން ބުނެއެވެ.

ކޭކް ޑޯނާސް އިން އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތުގައި މާލޭގެ ހަތަރު ސަރަހައްދަކާ ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ސްޓޯލްތައް ބަހައްޓާފައިވާއިރު އެ ތަންތަނުން ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން އަދި ހަވީރު ސައިގެ އިތުރުން ކޭކު އަދި ތަފާތު ޕޭސްޓްރީސް ލިބެން ހުއްޓެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފަންޑް ރެއިސް އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.