ފެނަކަ ކޯޕަރޭޝަނުން އެސްއެމްއީތަކަށް، ނުވަތަ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާތައް ދިނުމަށް ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ގޮވާލެއްވި ނަމަވެސް، ފެނަކަ ދިފާއުކުރައްވައި ބައެއް މެންބަރުން ވާހަކަ ދައްކަވައިފިއެވެ.

އެސްއެމްއީތަކަށް ފެނަކަ އިން ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި އެ ކުންފުނީގެ އޮޑިޓެއް ހެދުމަށް ގޮވާލައްވައި މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ފެނަކަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ ފެނަކަ އިން މި ވެރިކަމުގައި ކޮށްދީފައި ހުރި ބައެއް ކަންކަން ހިއްސާކުރައްވައި އެ ކުންފުނި ދިފާއުކުރައްވައިފައެވެ.

އެގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، ފެނަކަ އަށް ދެ ގޮތަކަށް އާމްދަނީ ލިބޭ ކަމަށާއި، އެއީ އެ ކުންފުނިން ދޭ ހިދުމަތަށް އާންމުން ދައްކާ ފައިސާ އިންނާއި ސަރުކާރުން ދެމުން ގެންދާ ސަބްސިޑީން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، ފެނަކަ އަށް އާމްދަނީގެ ގޮތުގައި ލިބެނީ ކިހާ ވަރެއްތޯ އާއި އެ ކުންފުނިން އާންމުން ހޯދާ ހިދުމަތްތަކަށް ބިލު ދައްކަނީ ކިހާ ވަރެއްތޯ ބަލައި ދިރާސާކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން، ދައުލަތުން ދޭ ސަބްސިޑީތައް ދައުލަތުން ގަވައިދުން ދޭނެ، އެހެން ކަމަށް ވާ ނަމަ، ކުދި ވިޔަފާރިތަކަށް ނުވަތަ ސަޕްލަޔަރުންނަށް ފައިސާ ނުދެވި މި ވަނީ ކީއްވެގެންތޯ އަޅުގަނޑުމެން އެބަ ޖެހޭ ދިރާސާކުރަން،"

ނިޔާޒް ވިދާޅުވީ، މިނިމަމް ވޭޖް ތައާރަފްކުރުމަށް ފަހު، ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެމުން ދިޔަ 35 މިލިއަން ރުފިޔާ އަށް އިތުރު 15 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ކުންފުނީގެ ބޭނުމަށް ހަރަދުކުރަން ހުންނަ ފައިސާ އަށް އަސަރުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެހެންވުމުގެ ސަބަބުން ކުންފުނީގެ ހަރަދުތައް ފޫބެއްދުމަށްޓަކައި ފެނަކައިން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓީ އެހެންވެއެވެ.

ނިޔާޒް ވަނީ ރަށްރަށަށް އާމްދަނީ އިތުރުވާ ކަމަށް ވިދާޅުވެ، ފެނަކަ އިން މުވައްޒަފުން އިތުރުކުރާ އަދަދު ދިފާއުކުރައްވައިފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ، ފެނަކައިން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ އެއް އޮތް ނަމަ ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ ވަނީ ފެނަކައިން ކޮށްދީފައި ހުރި ބައެއް ކަންކަމުގެ ވާހަކަ ވެސް ދައްކަވައިފައެވެ.

އެގޮތުން އެކި ރަށްރަށުގައި 17 ހާސް ކިލޯމީޓަރުގެ ކޭބަލް ބިމު އަޑީގައި ވަޅުލައި 100 އެތައް ރަށެއްގައި ކޭބަލް ނެޓްވޯކް ގުޅައިދީ 313 ޖެނެރޭޓަރު ސެޓު އެކި ރަށްރަށުގައި ބަހައްޓައި 150 މެގަވޯޓަށް ވުރެ އިތުރަށް ކަރަންޓު އުފެއްދޭ ގޮތަށް އެ ކުންފުނީގެ ހިދުމަތްތައް ތަރައްގީކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ ދަރަނިތަކަކީ ކުރީ ސަރުކާރުތަކުން ފެށިގެން ފުނިޖެހިފައި ހުރި ދަރަނި ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ ދަރަނި އިތުރުވީ މި ސަރުކާރުގައި އެކަނި ނޫން ކަމަށެވެ.

"އެހެންކަމުން ފެނަކައިގެ ދަރަންޏާ އެއްވަރަށް ފެނަކައިގެ އެސެޓު އޮންނާނީ އިތުރުވެފަ، މި އެސެޓަށް ބަރޯސާވެ ފެނަކައިގެ ދަރަނި ހޯދޭނެ ގޮތެއް ހޯދަން އެބަ ޖެހޭ،" އަސްލަމް ވިދާޅުވިއެވެ.