ފެނަކަ ކޯޕަރޭޝަނުން ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ދައްކަން ޖެހޭ އެތައް ފައިސާ އެއް ނުދައްކައި އޮތް ކަމަށް ވިދާޅުވެ، އެ ކުންފުންޏާ މެދު މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެސްއެމްއީތަކަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި އެ ކުންފުނީގެ އޮޑިޓެއް ހެދުމަށް ގޮވާލައްވައި މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ފެނަކަ ކޯޕަރޭޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

އެގޮތުން އެ ގަރާރަށް ބަހުސްކުރެއްވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، އެސްއެމްއީތައް ލައްވާ ފެނަކައިން މަސައްކަތްކުރުވާފަ އެ ވިޔަފާރިތަކަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެތައް ވިޔަފާރިއެއް މިހާރު ވެސް ބަނގުރޫޓުވެފައިވާ ކަމަށާއި، ފެނަކަ އޮފީހުގެ ރިސެޕްޝަނަށް ގޮސް އެ ވިޔަފާރިތަކުން ޝަކުވާ ކުރާ މަންޒަރު އޭނާ އަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު

"ބުނާތީ އަޑުއިވޭ ވަރަށް ބޮޑު ދަރަންޏެއް އޮންނަ ތަނެކޭ، ކިޔާތީ އަޑުއިވޭ އެތަން އޮތީ ބަނގުރޫޓު ވެފައޭ،" ފެނަކަ މިހާރު އޮތް ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފެނަކަ ކޯޕަރޭޝަނަކީ އާންމުންނަށް އަސާސީ ހިދުމަތް ކަމަށްވާ ކަރަންޓާއި ފެނުގެ ހިދުމަތްތައް ފޯރުކޮށްދޭ އެއް ކުންފުނި ކަމަށާއި، އެހެންކަމުން އެ ކުންފުނި ރަނގަޅު ހާލަތެއްގައި އޮންނަން ޖެހޭނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާނީ ކޮންމެވެސް ތަނަކުން ލޯނު ނަގައިގެން ވެސް، އަދި ދައުލަތުގެ އެހެން ތަނަކުން ފައިސާ ފޯރުކޮށްދީގެން ނަމަވެސް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެތަނުން އާންމު ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ދިނުން،"
އަހްމަދު އާމިރު | ކުޑަހުވަދޫ ދާއިރާގެ މެންބަރު

ދައުލަތުން އާންމުންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފިނަމަ ދައުލަތް ޖޫރިމަނާކުރަން ގާނޫނުން ލާޒިމްކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އާމިރު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިށީނދެ ތިބެ އެސްއެމްއީތަކަށް ލިބެން ޖެހޭ ފައިސާ ހޯދައިދޭން ޖެހޭނެއެވެ.

އާދަމް ޝަރީފްގެ ގަރާރަށް ތާއީދުކުރައްވައި އެ ގަރާރަށް ދެން ބަހުސްކުރެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ފެނަކައިގެ މައިގަނޑު ތިން މައްސަލައެއް ފާހަގަކުރައްވައިފައެވެ. ހަސަން ފާހަގަކުރެއްވި މައްސަލަތަކަކީ:

ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު
  • އެސްއެމްއީތައް މެދުވެރިކޮށް ފެނަކައިން ކުރި މަސައްކަތްތަކުން އެސްއެމްއީތަކަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާ އެއް ނުލިބި އޮތް މައްސަލަ
  • 72 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަ، މިހާރު ވެސް އޭސީސީގައި 31 މައްސަލައެއް އެބައޮތް
  • އެތައް ބިލިއަން ރުފިޔާގެ ދަރަނި، މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ހޯދަން އޮޑިޓެއް ހަދާފައި ނެތުން

"އޭގެ ސަބަބުން އެ ކުންފުނިތަކަށް، އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ލިބިގެންދާ ނިކަމެތިކަމަކީ ހަގީގަތުގަ ސަރުކާރުން މިއަދު މިއަށް ވުރެ ފުންކޮށް ވިސްނާ، ހައްލުކޮށްދޭން ޖެހޭ ކަންކަން،" އެސްއެމްއީތަކަށް ވަގުތުން ވަގުތަށް ފައިސާ ލިބެން ޖެހޭނެ ގޮތެއް ހޯދަން ޖެހޭ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

ގަރާރު ހުށަހެޅުއްވި މެންބަރު އާދަމް ޝަރީފް ވިދާޅުވީ، މިހާރު މި އޮތް ސަރުކާރު ނިމުމުގެ ކުރިން އެސްއެމްއީތަކަށް ފެނަކައިން ދޭން ޖެހޭ ބަދަލު ނުދެވުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި، އެސްއެމްއީތައް ބަނގުރޫޓުވުމުގެ ޒިންމާ ފެނަކަ ކޯޕަރޭޝަނުން ނަގަން ޖެހޭނެ ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގައި ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ، ފެނަކައިގެ މެނޭޖްމެންޓުގެ އޮޑިޓަކާއި މާލީ އޮޑިޓެއް ހަދައިގެން އެ ކުންފުންޏަށް މައްސަލަ ދިމާވި ސަބަބު ހޯދައި ހައްލުކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހިތުން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް، އިންތިހާބުތަކަށް ވަރަށް ބޮޑެތި ހަރަދުތައް އެ ކުންފުނިން ކުރިކަން، ހަމަ މިއާ އެކީގަ ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ ކުންފުންޏަށް ހުށަހަޅާ ބިލުތައް ފުރަތަމަ ހުށަހަޅާ ހިސާބުން ވެސް އޭގެ ފަހުން ވެސް ވަކި ޕަސެންޓުތަކެއް އެކި ފަރާތްތަކަށް ދޭ ގޮތަށް މި ވިޔަފާރީގެ މުއާމަލާތް ކުރަމުން ދިއުމަކީ ވެސް ކުންފުނީގެ ދަރަނި އިންތިހާ އަށް ބޮޑުވެ، ކޮރަޕްޝަން އިންތިހާ އަށް އިތުރުވެގެން ދިޔަ މައްސަލައެއް ކަމަށް ފާހަގަކުރެވޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.