ގާޒާއަށް އެހީވުމަށް ދިވެހިރާއްޖެއިން ހިންގާ ކެމްޕެއިނަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ދިވެހިރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބި ބައެއް ކަމަށާއި އިޒްރޭލުން މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެން ވެސް ދިވެހިން ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެސްޓީއޯއިން ވަނީ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން އެ ރައްޔިތުންނާއެކު ތިބިކަން ޔަގީންކޮށް އަރުވާ ކަމަށެވެ.

އެސްޓީއޯ ގްރޫޕުން ގާޒާއަށް 1 މިލިއަން ރުފިޔާ ހަދިޔާކުރުން / ފޮޓޯ: އެސްޓީއޯ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ހިންގާ ކެމްޕެއިންގައި އެސްޓީއޯ އަދި އެސްޓީއޯ ގްރޫޕް ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނި ތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ، "އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފަންޑް ރެއިސް އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.