ޑިމޮކްރެޓުންގެ ރައީސް ކަމަށް ވާދަކުރެއްވުމަށް، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ރަސްމީކޮށް ފޯމު ހުށަހަޅުއްވައިފިއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ހަސަން ވަނީ ރަސްމީކޮށް ފޯމު ހުށަހެޅުއްވި ކަން އިއުލާނުކުރައްވައިފައެވެ.

ޑިމޮކްރެޓުންގެ ރަސްމީ މަގާމުތަކަށް ވާދަކުރުމަށް އެ ޕާޓީގެ ފަރާތުން ފޯމު ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 10 ޖެހުމާ ހަމައަށެވެ.

އާދީއްތަ ދުވަހު ކުރި އިއުލާނުގައި ޑިމޮކްރެޓުން ބުނީ ސައްހަ ފޯމު ހުށަހަޅާ ތަރުތީބުން ކެންޑިޑޭޓުން ތަރުތީބުކުރަމުން ކެންޑިޑޭޓުންގެ ލިސްޓު އާންމުކުރަމުން ގެންދާނެ ކަމަށާއި، ފޯމު ފުރިހަމަނުވެގެން އަލުން ހުށަހަޅާނަމަ އަސްލު ފޯމު ކަމަށް ބެލެވޭނީ އެންމެ ފަހުން ހުށަހެޅި ފޯމު ކަމަށެވެ.

އެ ޕާޓީން ބުނީ، ނޮވެމްބަރު 15 ގެ ކުރިން ޕާޓީގައި ރެޖިސްޓްރީވާ ހުރިހާ ފަރާތްތަކަކަށް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެތެރޭގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގައި ކަމަށް، ޑިމޮކްރެޓުންގެ އިއުލާނުގައިވެއެވެ.

ޑިމޮކްރެޓުންގެ މެންބަރުން ކުރިމަތިލުމަށްޓަކައި ހުޅުވާލާފައިވާ މަގާމުތައް:

  • ޕާޓީގެ ރައީސް
  • ޕާޓީގެ ނައިބު ރައީސް (އާންމު)
  • ވިމެން ޑިމޮކްރެޓުންގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު
  • ޔަންގް ޑިމޮކްރެޓުންގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު
  • ޕާޓީގެ ނައިބު ރައީސް (އަންހެން)
  • ޕާޓީގެ ނައިބު ރައީސް (ޒުވާން)

ޑިމޮކްރެޓުންގެ ރައީސް ކަމަށް ރަސްމީކޮށް ހަސަން ކުރިމަތިލެއްވިއިރު، އެ ޕާޓީގެ ރައީސް ކަމަށް ދެން ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.