ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު ނަމާދުތައް ފުރިހަމައަށް އަދާކުރުމަކީ އަޒުމުކަމުގައި ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 897 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން އެ މަތީގައި ސާބިތުކަމާއެކު ދެމިތިބެ އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ގައުމު އާރާސްތުކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކަމަށެވެ.

މާތް ﷲގެ ވާގިފުޅާއެކު ތާއަބަދަށްވެސް ދިވެހިން ދެމި ތިބޭނީ އިސްލާމީ ހިދާޔަތުގައި ކަމަށާއި ހިތްތަކުގައި އެންމެ މުގައްދަސް ލޯތްބެއް ދެވިފައިވަނީ މާތް ﷲގެ އެއްކައުވަންތަ ކަމާއި ނަބިއްޔާގެ ސުންނަތަށާއި އިސްލާމް ދީނުގެ އަސާސްތަކަށާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކަށް ކަން ކަށަވަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިންގެ މެދުގައި މި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ އަސްލަކީ މުޖުތަމައުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމެއް ކަމަށާއި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ ނަބިއްޔާގެ ތަރުބަވީ ފިލާވަޅުތަކުންނާއި އަމަލީ ގޮތުން ދެއްކެވި ނަމޫނާއިން މުސްލިމުންގެ މެދުގައި ގާއިމުކޮށްދެއްވި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުރިއެރުމާއި ތަރައްގީއަށް ލިބޭ އެންމެ ވަރުގަދަ ހަކަތައަކީވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ކަމަށާއި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ހަގީގީ ބޭނުމަކަށް ވާންޖެހޭނީ އުޅުންތަކާއި ގުޅުންތައް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުމުގެ އަޒުމް އާކުރުން ކަމަށެވެ. އަދި އިސްލާމް ދީނުގެ ބިނާ ނެގެހެއްޓުމަށްޓަކައި ނަމާދުތައް ފުރިހަމައަށް އަދާކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދިނުމަކީ މި ދުވަސް ފާހަގަކުރާއިރު އަޒުމްކަމުގައި ހަދާ، ރޯދައާއި ޒަކާތުން ލިބިދޭ އިބްރަތްތަކުން ނަފްސުތަކުގައި ކެތްތެރިކަން ހަރުލައްވައި އަނެކުންނަށް އެހީތެރިވެ އަޅައިލުމުގެ މަތިވެރި ސިފަ އަށަގަންނުވަން ހިންގަވަން ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާއިރު އިސްލާމީ އުންމަތުގެ އެތައް މިލިއަން އަހުންނާއި އުހުތުންނެއް ޣައިރު މުސްލިމުންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެ އަދި ޒަހަމްވަމުންދާކަމީ މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެއް ކަމަށާއި ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް އެ ބިމުގައިވާ މުސްލިމުންގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑަމުން ދިއުމަކީ އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ހަންޖަރެއް ކަމަށެވެ.

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޔތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ކުށްވެރިކުރަނީ އެންމެ ހަރުކަށި އިބާރާތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ތަހުގީގުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، ދިވެހިންގެ ނަމުގައި ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ވަނީ ގޮވާލައްވާފައެވެ.