އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 187 މިލިއަން ރުފިޔާ ހުށަހެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީގައި މަޝްވަރާކޮށްފިއެވެ.

މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް 186.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި މި ވަނީ 'ނިއު ޕޮލިސީ އިނީޝިއޭޓު'ގެ ގޮތުގައި ފަހުން ކުރަން ރާވައި އެހެން ކަންކަމަށް ހަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ އާ ވެސް އެކީގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރަށް ފާސްކުރީ 182 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މިއީ ފަސް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ އިދާރީ ކަންކަމުގެ ހެޑް އަހްމަދު ފާއިޒް މުހައްމަދު ވިދާޅުވީ، އަންނަ އަހަރަށް ބަޖެޓު އިތުރުވާނެ މައިގަނޑު ސަބަބަކީ ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި މެންބަރުންގެ އަދަދު އިތުރުވާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ބަޖެޓުގައި ހިމެނުމަށް މަޖިލީހުގެ ބަޖެޓު އެކުލަވާލައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވަނީ އާންމު ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު
  • ނަމަވެސް ކޮމިޓީތައް އެކުލަވާލުން ލަސްވެ، ބަޖެޓު ހުށަހަޅަން ޖެހޭ ދުވަސް ގާތްވަމުން ދާތީ ފިނޭންސް މިނިސްޓްރީ އަށް ވަނީ ބަޖެޓު ފޮނުވާފައި
  • އަންނަ އަހަރުގެ ބަޖެޓު އެކުލަވާލީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ 93 މެންބަރުންނެވެ. އެއީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ވުރެ ހަ މެންބަރުން އިތުރު އަދަދެކެވެ.