ދ. ކުޑަހުވަދޫގައި ތަރައްގީކޮށްދޭނެ ކަމަށްބުނެ، ތްރީޑީ ހޮސްޕިޓަލެއްގެ ކުރެހުން ދައްކާލާ ދައުރުނިންމާލީ ކަމަށް ވިދާޅުވެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އާމިރު މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ލ. ހިތަދާއާއި ކުނަހަންދޫ ގުޅުވާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައެވެ.
އާމިރު ވިދާޅުވީ ބަޖެޓުގައި ހިމަނާ ކަންކަން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ހަވާލުކުރެވެނީ ކަމާ ގުޅޭ މުވައްސަސާތަކާ ކަަމަށާއި އެ މުވައްސަސާތަކުގެ މަސައްކަތްތައް މިއަދު ތަރުތީބުވެގެންދާ ގޮތަށް ބަލާއިރު އެކަންކަން އެންމެ މުހިއްމުވާ ރަށްތަކުގައި އެކަން ކުރެވިގެންދާ އުސޫލު ނެތް ކަމަށެވެ.
އާމިރު ވިދާޅުވީ ސިޔާސީ މަގުސަދަށްޓަކައި ބޮޑަށް އިސްކަން ދީގެން ކުރިއަށްގެންދާތަން ފެންނަމުންދާ ކަމަށާއި ދައުރުތަކެއް ނިމިގެންދާއިރު މަޖިލީހުން ފާސްކުރެވޭ ބަޖެޓުތަކުގައި ހުންނަ ކަންކަން ނުކޮށް ހުންނަ ކަމަށެވެ. އަދި ކުޑަހުވަދޫ ދާއިރާގެ ވަރަށް ބައިވަރު މަސައްކަތްތަކެއް ރައްޔިތުން މަޖިލީހުން ފާސްކުރެވުނު ނަމަވެސް އެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުން ހުރީ އެ ސަރަހައްދުގައި ސަރަހައްދީ ބަނދަރެއް ކުޑަހުވަދޫގައި ހެދުމުގެ ބަޖެޓުގައި ހިމެނި ފޮހެވިގެން ދިޔައިރުވެސް އެކަން ނުކުރެވި އޮތުމުން ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ މާއެނބޫދޫގެ ބިން ހިއްކުން މަޝްރޫއު ބަޖެޓުގައި ހިމެނިގެން މަޝްރޫއު ފެށުނުއިރު ހިއްކަން އެދުނު 30 ހެކްޓަރުގެ ބަދަލުގައި 15 ހެއްޓަރަށް ބަދަލުވެ، އެ މަޝްރޫއު ފެށުނު ނަމަވެސް ދައުރު ނިމުމު އިރުވެސް އެކަން ވެސް ނުވެ އޮތް ކަމަށެވެ. އަދި ކުޑަހުވަދޫގައި އަތޮޅު ހޮސްޕިޓަލެއް ތަރައްގީކުރަން އެދި ބަޖެޓުގައި ޖަހައިގެން އުޅޭތާ އެތައް ދުވަހެއް ވެގެން ގޮސްފައިވާ ކަމަށާއި ތްރީޑީ ބޮޑު ކުރެހުމެއް ދައްކައިގެން ގޮސް ދައުރު ނިންމާލިއިރުވެސް އެއިން އެއްވެސް ކަމެއް ނުވި ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ މިދިޔަ އިންތިހާބުގައި ގުގުމާލީ އެއް އަޑަކީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ގެނެސްދިން ވާހަކަ ކަމަށާއި ބޮޑުރަށް އޮތީ އެކަހެރިކޮށްލާފައި ކަމެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ. އަދިކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަފާތު ކުރާއިރު ވިސްނުމަށް ފިކުރަށް ބަލާއިގެން ތަފާތު ކުރާ ތަފާތު ކުރާ ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ މާއެނބޫދޫ ފެނުގެ ނިޒާމު ކުރިއަކަށް ނުދާ ކަމަށާއި އޮތީ ވަޅު ޖަހާފައި ކަމަށެވެ. އަދި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ޕްރޮޖެކްޓް ހޯދަނީ ގާބިލު ފަރާތްތައް ނޫން ކަމަށެވެ. އަދި މާއެނބޫދޫ ދަނޑުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އެކަން ކުރިއަށްދަނީ ބޮޑު ފިނިހަކި ދުވާހެން ކަމަށް އާމިރު ވަނީ ވިދާޅުވެފައެވެ.