މިއަހަރުގެ މިހާތަނަށް 162،441 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 11 ވަނަ ދުވަހާ ހިސާބަށް 1،412،062 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 170،354 ފަތުރުވެރިން އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ކަމަށްވާއިރު އެއީ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 11.5 ޕަސެންޓެވެ. ޖުމްލަކޮށް ނިމިދިޔަ އަހަރަށް ބަލާއިރު ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވެސް ރަޝިއާއިންނެވެ.

ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެއަށް އައިސްފައިވަނީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު ބޯޑަރު ހުޅުވާލި ޗައިނާއިންނެވެ. އެގޮތުން ބަލާއިރު ޗައިނާއިން ވަނީ މިހާތަނަށް 154،927 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ 11 ޕަސެންޓެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކުރި އިންޑިއާ އޮތީ 154،016 ފަތުރުވެރިންނާއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރި ގައުމުގެ ގޮތުގައެވެ.

ރާއްޖެއާ ދެމެދު 30 އެއާލައިނަކުން ފްލައިޓްތައް އޮޕަރޭޓް ކުރާއިރު ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއައިސްފައިވާއިރު އެއީ ސަރުކާޒުގެ އަމާޒުގެ 74 ޕަސެންޓެވެ.