ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައުދީން 100 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

ޓާމިނަލް ނިންމަން 100 މިލިއަން ޑޮލަރުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް 50 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މި ފައިސާ ހޭދަކުރަން ރާވާފައިވަނީ ހޮސްޕިޓަލްތައް އެޅުމަށެވެ.

އެ ފައިސާ ރާއްޖެ އަށް ދޫކުރަން އެ ފަންޑުން ނިންމީ މިދިޔަ ހަފުތާގައި ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސް ސޯލިހު ސައޫދީ އަށް ވަޑައިގެން އެ ގައުމުގެ ވިޔަފާރީގެ މިނިސްޓަރާ ބޭއްވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު ހަމަޖެހުނު އެހީއެކެވެ.

ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއް ދެމުންނެވެ. މިގޮތުން ސައުދީ ފަންޑުން ވަނީ 2016 ވަނަ އަހަރު ވެސް އެއާޕޯޓު ތަރައްގީ ކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހަރަދު ކުރަމުންދަނީ ސައުދީ، ކުވެއިތް، އަބޫދާބީ ފަންޑު އަދި ކުވެއިތް ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025ގައެވެ.