މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ބިދޭސިއަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ، ހޯދަމުން ދަނީ ވ. ފެލިދޫ ފުލުހުންގެ އިދާރާ އިން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހްގީގަށް ހާޒިރުކުރުމަށް ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އެގޮތުން ފުލުހުން ހޯދަމުން ދަނީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 29 އަހަރުގެ އެމްޑީ އާރިފް ހޮސެން އެވެ.

އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ތަހްގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް، ފުލުހުންގެ އިއުލާނުގައިވެއެވެ.

ފުލުހުން ބުނީ، އެމްޑީ އާރިފް ހޮސެން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖަހާއިރަށް ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް، ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަކަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ

މިހާރަކަށް އައިސް އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް ދަނީ އިތުރުވަމުންދާ ކަމަށާއި، އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ހިއްސާކޮށް، އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ލިބެމުން ދާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

އެހެންކަމުން، މި ކަންކަމަށް ސަމާލުވުމަށް ފުލުހުން އަބަދު ވެސް އިލްތިމާސްކުރެއެވެ.