އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށް ވުރެ ރުފިޔާ ހޯދި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަހްމަދު އިރުފާލް (36އ) އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި މިހާތަނަށް ބެލިބެލިމުން އޭނާ ވަނީ މިއަހަރުގެ މެއި މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައި ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.