މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ޑޭލައިޓްވިލާ، ޝިހާން ޝިޔާމް (29އ) އެވެ.

އެންޓި-ސްކޭމް ސެންޓަރާ، ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނީ އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ދުވަހު ހިތަދޫން ކަމަށެވެ.

މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ޝިޔާމް މީހަކަށް ގުޅައި މުދާ ސަޕްލައި ކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާ ކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޝިހާން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް ތަހުގީގުރަމުން އަންނަ ކަމަށެވެ. މި 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަކައުންޓުގައި ދައުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި 12 މައްސަލައިގެ ޖުމުލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.