އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާން ވަގުތުން ހުއްޓާލުމަށާއި, ލުބުނާނުގެ ހިޒުބުއްލޯ އިން ހަނގުރާމަ އަށް ވަދެއްޖެނަމަ, 'އާތްކްއޭކް އެއް' [ބިންހެލުމެއް] އަންނާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
އީރާނުގެ ހާރިޖީ ވަޒީރު ހޮސައިން އަމީރު އަބްދުއްލޯހައިން ވިދާޅުވީ އޭނާ ހިޒުބުއްލޯގެ ލީޑަރު ސއްޔިދު ހަސަން ނަސްރުالله އާ ބައްދަލުކުރައްވައިފި ކަމަށާއި އެ ޖަމާއަތުން އޮތީ ހަނގުރާމައިގެ ހުރިހާ ހާލަތަކަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ޔަހޫދީން ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި ހިޒުބުއްލޯ އިން ހަނގުރާމައިގެ ތެރެއަށް ވަދެ ހަމަލާދޭން ފަށައިފިނަމަ ބިންހެލުމެއް އަންނާނެ ކަމަށެވެ. އޭނާ އިޝާރާތް ކުރައްވަނީ ހިޒްބުއްލޯގެ ވަރުގަދަ ހަމަލާތަކާ އިޒްރޭލަށް ކެތް ނުކުރެވޭނެ ކަމަށް ކުރައްވާ އިޝާރާތަކެކެވެ.
"އަހަރެން އިންޒާރު ކުރަން, ހަނގުރާމައިގެ ޖަރީމާ ހިންގާ މީހުން (ޔަހޫދީން) އާއި އެމީހުންނާ ބައިވެރިވާ ފަރާތްތަކަށް, ލަސް ނުވަނީސް ހަނގުރާމަ ހުއްޓާލައި, މާ ލަސްތަކެއް ނުވެ ވަގުތު ފާއިތުވެދާނެ"
އީރާނުގެ މި އިންޒާރާ ގުޅިގެން އިޒްރޭލުން ބުނީ, ހަނގުރާމައިގެ ތެރެއަށް ލުބުނާނުން ނުވަނުމަށާއި ހިޒުބުއްލޯ އިން ބައިވެރިވެއްޖެ ނަމަ ނަތީޖާ ގޯސްވާނެ ކަމަށެވެ. އަދި ގާޒާއަށް ޖެހޭ ހާލު ލުބުނާނަށް ވެސް ޖެހޭނެ ކަމަށް ނަތަންޔާހޫގެ އެޑްވައިޒަރު ބުނެއެވެ.
އިޒްރޭލުން ގާޒާގެ އުތުރު ދޮވެލަން އެއްގަމު މަގުން ވަންނަމުން ދާ އިރު, އެއްގަމު މަގުން ފަށާ ހަމަލާތައް ދޭނީ ވަޔާއި ކަނޑާ އެކުއެކީގައިހެން ކަމަށް ވެސް އެގައުމުން ބުނެއެވެ.
ގާޒާގެ އުތުރުގައި ތިބި މީހުން ފައިބަން ދިން 24 ގަޑިއިރުގެ މުހުލަތު ހަމަވެ އިތުރު 6 ގަޑިއިރު ދީފައި ވާ އިރު އެ މުހުލަތުވެސް މިހާރު ވަނީ ހަމަވެފައެވެ.
ރަސްމީކޮށް އެއްގަމު މަގުން ހަމަލާތައް ދޭން ނުފެށިނަމަވެސް މިހާރުވެސް ދޭތެރެ ދޭތެރެއިން ދަނީ ޓޭންކުތަކުން ހަމަލާ ދެމުންނެވެ. އަދި މަތިން ބޮން އަޅަމުން ދާ އިރު މިސައިލް ނިޒާމުތައ ބޭނުން ކޮށްގެން ވެސް ހަމަލާ އެބަދެއެވެ.
ބައިނަލްއަގުވާމީ މީޑިއާތައް ބުނާ ގޮތުން ގާޒާގެ އުތުރު ހުސްކުރަން ޔަހޫދީން ވަގުތު ދިނުމަށް ފަހު މީހުން ފައިބައިގެން ދަނިކޮށް އެ ގާފިލާތަކަށް އަމާޒުކޮށް ވެސް ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާތަކުގައި 70 މީހަކު ޝަހީދު ވެފައި ވާ އިރު އެކިއެކި ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 350 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.
ބައެއް ހަމަލާތައް ލުބުނާނަށް ވެސް އަމާޒު ކުރަމުން ދާ އިރު ލުބުނާނުގެ ވިލެޖަކަށް ދިން ބޮޑުބަޑީގެ ހަމަލާއެއްގައި އާންމުންގެ ދެމީހަކު ވަނީ މަރުވެފައެވެ.
ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް ތުރުކީ އާއި ޑަބްލިއުއެޗްއޯއިން ފޮނުވި އެހީގެ ސާމާނު ހިފައިގެން ދިޔަ 2 ފްލައިޓް މިސްރުގައި ވަނީ ޖައްސާފައެވެ. މިސްރާއި ގާޒާ ގުޅޭ މަގު ހުޅުވާލާނެ ކަމުގައި އުއްމީދުގައި އެ ސަރަހައްދަށް އެހީގެ ތަކެތި ޖަމާކުރަމުން ދާ އިރު އެހީގެ ތަކެތި ހިފައިގެން ދާ އެތައް ސަތޭކަ ޓްރަކެއް ވެސް މިހާރު އޮތީ ބޯޑަރުގައެވެ. ނަމަވެސް ގޭޓް ނުހުޅުވާތީ އެހީގެ ތަކެތި ވެއްދޭނެ ގޮތެއް ނެތެވެ.
ﷲގެ އިސްމުފުޅު ބޭނުން ކުރައްވާ!