މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގައި ހުރި މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު ސްކޫލް ދަރިވަރުންނާ ހިއްސާކޮށް ޕޯޓުގެ މަސައްކަތުގެ ދާއިރާތަކަށް ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން "ޕޯޓް އޯޕަން ޑޭ"ގެ ބާއްވައިފިއެވެ.

އެމްޕީއެލް އިން ބުނީ، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި "ޕޯޓް އޯޕަން ޑޭ" މިއަދު ބާއްވާފައިވާ އިރު، 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާ ކަމަށެވެ.

އެގޮތުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ހިމެނޭ އިރު، މާލޭގެ ހުރަވީ ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި ތާޖުއްދީން ސްކޫލާއި ހުޅުމާލޭގެ ސަލާހުއްދީން ސްކޫލާއި ހުވަދޫ ސްކޫލާއި ބ.އަތޮޅު ތައުލީމީ މަރުކަޒާއި ނ.ހެނބަދޫ ސްކޫލް އަދި ރ.އިނގުރައިދޫ ސްކޫލްގެ ދަރިވަރުން "ޕޯޓް އޯޕަން ޑޭ"ގައި ބައިވެރިވެފައި ވެއެވެ.

މި ހަރަކާތުގައި ހިމެނޭ ސެޝަންތައް ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް އެމްޕީއެލް އިން ބުނެއެވެ. މި ސެޝަންތަކުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ޕޯޓުގެ އެކި ދާއިރާތަކުގެ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން ޕޯޓުގެ އަމަލީ މަސައްކަތްތައް ދައްކާލުމަށް ވަނީ މާލޭ ވިޔަފާރި ބަނދަރަށް އެ ކުދިން ގެންގޮސްފައެވެ. އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލް އަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް އަށް ވެސް ދަރިވަރުން ޒިޔާރަތްކުރިއެވެ.

ޕޯޓް އޯފަން ޑޭ ގައި ބައިވެރިވި ދަރިވަރުންނަށް މައުލޫމާތު ދެނީ / ފޮޓޯ: އެމްޕީއެލް

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޕޯޓުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ދަރިވަރުންގެ މެދުގައި އިތުރުކޮށް މި ދާއިރާގެ ކުރިއަށް ދެވެން ހުރި ކެރިއާތަކުގެ މައުލޫމާތު ހިއްސާ ކުރުން ކަމަށް އެމްޕީއެލް އިން ބުނެއެވެ. މީގެ އިތުރުން އެމްޕީއެލް އިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދީ، ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް، ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހަރަކާތުގައި 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެފައިވާ އިރު، ބައިވެރިވި ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ތިން ދަރިވަރަކަށް ލެޕްޓޮޕް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.