ޓިކްޓޮކްގައި ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވާ ސަމާގެ ލައިވް އިން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ބައި ލައްކަ ރުފިޔާ ހޯދައި ދީފިއެވެ.

ރޭ 8:30 އިން 9:30 ކުރިއަށް ދިޔަ ޓިކްޓޮކް ލައިވްގައި ސަމާ ވަނީ 51،225 ރުފިޔާ އަދި 550 ޔޫއެސް ޑޮލަރު ހޯދާފައެވެ. މި ފައިސާ ވަނީ ފަލަސްތީނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ އިމާޖެންސީ ރިލީފް ފަންޑަށް ރޭ ހަދިޔާކޮށްފައެވެ.

މި ފައިސާގެ ބޭންކް ޓްރާންސްފާ ސްލިޕް ސަމާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު ސްލިޕްގެ ރީމާކްސްގައި ސަމާ ޖަހާފައިވަނީ "ދިވެހި ޓިކްޓޮކް ފަންނާނުން ތިބީ ފަލަސްތީނާއި އެކު"އެވެ.

ސަމާ، މީގެ ކުރިން ވެސް އެކި ބަލިތައް ތަހައްމަލްކުރަމުންދާ ކުޑަކުދިންނަށް ފަރުވާ ހޯދުމަށް ޓިކްޓޮކް ލައިވް މެދުވެރިކޮށް ވަނީ ފައިސާ ހޯދައިދީފައެވެ.

ސަމާގެ ޓިކްޓޮކްގައި 38،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބޭއިރު އޭނާގެ މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް އިއްޔެ މާލެއާއި ރަށްރަށުގައި ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. ދިވެހީންގެ އިތުރުން، ބޭރުގެ އެކި ގައުމުތަކުގައި ވެސް ދަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލަމުންނެވެ.