އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅުކަން ހާމަކޮށް، ފަލަސްތީނާ އެކު ދިވެހިން ތިބިކަން ދައްކާލައިފިއެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މާލެ އާއި ގިނަ ރަށްރަށުގައި މިއަދު ހަވީރު ވަނީ އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކޮށް، ފަލަސްތީނާ އެކު ސާބިތުވެ ތިބިކަން ދައްކުވައިދީފައެވެ.
މިގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިންތިޒާމްކޮށް ކުރިއަށް ގެންދާ "ދިވެހިން ފަލަސްތީނާ އެކު" ހަރަކާތުގެ ދަށުން ވަނީ މިއަދު ހަވީރު މާލޭގެ ރަސްފަންނުން ފެށިގެން މަޖީދީމަގުގައި ސައިކަލު ބުރެއް ބާއްވައިފައެވެ. އެ ސައިކަލު ބުރުގައި ކުދިބޮޑު އެންމެން ބައިވެރިވެފައިވެއެވެ.
ސައިކަލު ބުރަށް ފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވަނީ ފަލަސްތީނުގެ ތާރީހާއި އެ ބިމަށް ޣައިރު މުސްލިމުން ވެރިވެގަންނަށް އެކި ދުވަސްވަރު ކުރި މަސައްކަތްތަކާއި، މުސްލިމުންގެ ތާރީހާއި ފަލަސްތީނާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ.
މި އެއްވުމުގައި ވަނީ ފަލަސްތީނަށް މިނިވަންކަން ދެއްވުން އެދި ހާއްސަ ދުއާ އެއް ވެސް ކޮށްފައެވެ.
މީގެ އިތުރުން ވެސް ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކޮށް، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އައިއޭސީން ވަނީ:
- ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި މީޑިއާތަކާއި އައިއޭސީގެ އިސްނެގުމާ އެކު އަންގާރަ ދުވަހުގެ ނިޔަލަށް ޓެލެތޯނެއް ފަށައިފަ
- ހުކުރު ނަމާދަށް ފަހު މާލޭގެ ހުރިހާ މިސްކިތެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓައިފަ
- އޮންލައިންކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފަ
ދިވެހީންގެ އިތުރުން، ބޭރުގެ އެކި ގައުމުތަކުގައި ވެސް ދަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 1،500 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، 7،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.