ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރަން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ގުޅިގެން ކާރު އެސޯސިއޭޝަނުން މިއަދު މެންދުރުފަހު 2 ޖަހާއިރު ކާރު ބުރެއް ބާއްވަން ނިންމައިފިއެވެ.
ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ހަނގުރާމަ އިއުލާންކޮށް އިޒްރޭލުން ގާޒާއަށް ދަނީ ހަމަލާ ދެމުންނެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެހެމުން ދާތީ، ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އައިއޭސީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.
އެގޮތުން މިއަދު 11 ޖެހި އިރު، މާލޭ ސަރަހައްދުގައި ހުރި ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ގާޒާއަށް އެހީވުމަށް ފަންޑް ފޮށިތަކެއް ބަހައްޓާފަައި ވާއިރު އެއްބައިވަންތަކަން ހާމަ ކުރަން މިއަދު ހަވީރު 4 ޖަހާއިރު ރަސްފަންނު ސަރަހައްދުން ސައިކަލު ބުރެއް ފެށުމަށް ވަނީ ނިންމާފައެވެ. އަދި ހަވީރު 4:30 ގައި އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމަށް ބާއްވަން ނިންމާފައި ވާއިރު އައިއޭސީއިން ވަނީ އެ ހަރަކާތުގައި ކުދި ބޮޑު އެންމެން ބައިވެރިވުމަށް އެދިފައެވެ.
މީގެ އިތުރުން މާދަމާއިން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ މިޑިއާތަކާ ގުޅިގެން ޓެލެތޯން ހަރާކަތެއް ވެސް ހިންގާނެއެވެ.
2016 ވަނަ އަހަރުގެ ފަހުކޮޅުގައި އުފެއްދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން އެންމެ ފުރަތަމަ ހަރަކާތްތެރިވެފައި ވަނީ ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށެވެ. އެއަށް ފަހު ރޮހިންޔާގެ ރައްޔިތުންނަށް އެހީތެރިވެދީފައިވާ އިރު، ގާޒާ އާއި ޕާކިސްތާންގެ ރައްޔިތުންނަށް ވެސް މި ކެމްޕެއިން އިން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އަދި އެ ޖަމިއްޔާއިން އަންނަނީ އެފްރިކާގެ ކެންޔާގައި ވިލެޖެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންވަޅުތަކާއި މިސްކިތްތަކާއި، ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުތަކާއި ބްރެޑް ފެކްޓަރީސްތަކާއި، ސްކޫލްތައް ވެސް އެ ކެމްޕެއިންގެ އެހީގެ ދަށުން އަންނަނީ ގާއިމް ކުރަމުންނެވެ. މި ހުރިހާ ކަންކަމަކީ ވެސް ދިވެހިންގެ ދީލަތި އެހީއާއެކު ހިންގަމުން އަންނަ ކަންކަން ކަމަށް އެ ކެމްޕެއިން އިން ބުނެއެވެ.