އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ 3000 މީހުންނަށް ދިވެހީންގެ އެހީގައި ކާބޯތަކެތި ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ހަނގުރާމަ އިއުލާންކޮށް އިޒްރޭލުން ގާޒާއަށް ދޭން ފެށި މިސައިލް ހަމަލާތަކުގައި ޝަހީދު ކޮށްލި ފަަލަސްތީނުގެ މުސްލިމުންގެ އަދަދު 1000 ފަހަނަ އަޅާ ގޮސްފައި ވެއެވެ.

މި އުދުވާނީ ހަމަލާތަކުގައި އަނިޔާވި މީހުންގެ އިތުރުން ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް އެހީވުމަށް ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ވަނީ ފަންްޑެއް ހުޅުވާފައެވެ. ދިވެހިންގެ ބޮޑު ތަރުހީބެއް މިކަމަށް ލިބެމުންދާއިރު ފުރަތަމަ 24 ގަޑިއިރު ތެރޭގައި ވެސް ލައްކައަކަށްވުރެ ގިނަ ރުފިޔާ އެ ފަންޑަށް ވަނީ ދިވެހިންގެ ފަރާތުން ހަދިޔާ ކޮށްފައެވެ.

އައިއޭސީގެ ފަރާތުން މައުލޫމާތު ދެމުން ބުނީ މިއަދު އެ ޓީމުގެ މެންބަރުން ހަރަކާތްތެރި ވަމުންދަނީ ގާޒާގެ އުތުރުގައި ކަމަށެވެ. އެގޮތުން 1000 ރެޑީ ޓު އީޓް ޕެކްސް އާއި 2000 ބްލެންކެޓް އެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ބެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ހަމައެހެންމެ ގާޒާގެ 4 ސްކޫލެއްގެ ހިޔާވަހިކަމުގައި އުޅޭ 2000 ފަރާތަކަށް ހޮޓް މީލް ޕެކްސް ބެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ގާޒާގެ ރައްޔިތުންނަށް ދިވެހިންގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނީ

އެ ޖަމިއްޔާއިން އެހީތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދަނީ ގާޒާގެ ހެލްތް މިނިސްޓްރީއާ ގުޅިގެންނެވެ. މިހާރުގެ ހާލަތަށް ބަލާއިރު އެހީތައް ފޯރުކޮށްދިނުމަށް ގިނަ ގިންޖެހުންތަކެއް ކުރިމަތި ވަމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ދޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ކަންތައް ތަކެއް ކުރުމަށް އެ ޖަމިއްޔާއިން ވަނީ ރާވާފައެވެ. އެގޮތުން މިސްކިތް ތަކުގެ ބޭރުގައި ފަންޑު ފޮށި ބެހެއްޓުމާއި ހުކުރު ދުވަހު ހަވީރު އާޓިފިޝަލް ބީޗުގައި އަންހެން ކަނބަލުންގެ އެއްވުމެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި އެއްވުމުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވުމަށް ގޮވާލާފައިވާ އިރު، އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ކަޅު ހެދުން އެޅުމަށާއި އަދި ފަލަސްތީންގެ ދިދަ ހިފައިގެން ދިއުމަށް އެ ޖަމިއްޔާ އިން ވަނީ އެދިފައެވެ.

އަދި ހަމަ އެހެންމެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުކުރު ދުވަހު ސައިކަލު އަދި ކާރު އެސޯސިއޭޝަންތަކުން ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެއް ވެސް އޮންނާނެ ކަމަށް އައިއޭސީން ވަނީ އިއުލާން ކޮށްފައެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗާއި އެހެނިހެން ސަރަހައްދުތަކުގައި ވެސް ހަމަހިމޭންކަމުގެ އިހްތިޖާޖެއް ހިންގުމަށް ވަނީ ރާވާފައެވެ. މި އިހްތިޖާޖުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބައިވެރިވެވޭނެއެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހަށް މީޑިއާ ޓެލެތޯން އެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އައިއޭސީން ވަނީ ބުނެފައެވެ.

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން 12 ޕަސެންޓު ކެމްޕޭން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.

ގާޒާގެ ހާލުގާއި ޖެހުނު ފަރާތްތަކަށް އޭއައިސީ ޓީމުން އެހީ ވަނީ / ފޮޓޯ: އޭއައިސީ

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ އަމާޒަކަށް ގާޒާގެ ރައްޔިތުން މީގެ ކުރިންވެސް ވެފައިވާއިރު ދިވެހިން ދަނީ އެމީހުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ޖަމިއްޔާ މެދުވެރިކޮށް، މީގެ ކުރިން ވެސް ދިވެހިން އެތައް މިލިއަން ރުފިޔާއެއް ފަލަސްތީނަށް ވަނީ ހަދިޔާކޮށްފައެވެ.

ގާޒާއަށް އެހީވުމަށް:

  • އެކައުންޓު ނަމްބަރު: 7770000062741
  • އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

ފަލަސްތީންގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށް އިޒްރޭލުން ދަތި ކުރުމުގެ އެތައް ފިޔަވަޅެއް އަޅަމުންދާ މި ދަނޑިވަޅުގައި ކާބޯތަކެތީގެ އިތުރުން ކަރަންޓާއި ތެޔޮ ސަޕްލައި ކުރުން ވެސް އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ.