އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ދިވެހިންގެ އެހީގައި 6 ޓްރަކްގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އައިއޭސީއިން ބުނީ ގާޒާއަށް އެހީ ފޯރުކޮށްދިނުމުގެ މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އިތުރު 4 އޯގަނައިޒޭޝަނަކާ ގުޅިގެން ކޯލިޝަނެއްގެ ގޮތަށް ކަމަށެވެ. އަދި އެހީގެ މި ކޮންވޯއީގައި 700،000 ޑޮލަރުގެ އެހީ ހިމެނޭނެ ކަމަށް ވެސް ބުނެފއި ވެއެވެ.

މި ކޮންވޯއީގައި ޖުމްލަ 6 ޓްރަކްގެ އެހީ ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އައިއޭސީއިން ބުނެއެވެ. އެހީގެ ޓްރަކްތައް ރަފާހް ބޯޑަރަށް ދިއުމަށް ދަތުރު ފަށާފައިވާއިރު މިއީ މިހާތަނަށް ރާއްޖެއިން ގާޒާއަށް ފޮނުވޭ އެންމެ ބޮޑު ކޮންވޯއީކަން ވެސް އައިއޭސީ އިން ވަނީ ފާހަގަ ކޮށްފައެވެ.

މި މަސައްކަތުގައި މިސްރުގައި ކިޔަވަން އުޅޭ ބައެއް ދިވެހި ދަރިވަރުން ބައިވެރިވި ވެފައި ވާ އިރު މިސްރުގައި ޑޮކްޓަރުކަން ކިޔަވަމުންދާ އަލީ މާނިއު ބުނީ މި މަސައްކަތުގައި ބައިވެރިވުމާއެކު ދިވެހިން، ގާޒާގެ ރައްޔިތުންނަށް އެހީތެރިވާން މަސައްކަތް ކުރަމުންދާ މިންވަރު ފެނިގެންދިޔަ ކަމަށެވެ.

އައިއޭސީގެ މެޑިކަލް އެހީގެ ޓްރަކްގައި މިވަގުތު ގާޒާއަށް އެންމެ ބޮޑަށް ބޭނުންވާނެ އެންޓިބަޔޮޓިކްސް، އައިވީ ގުލްކޯޒް ފަދަ ތަކެތި ހުރިކަން އަލީ މާނިއު ވަނީ ފާހަގަ ކޮށްފައެވެ.

އައިއޭސީއިން އިތުރަށް ބުނީ މިއީ އައިއޭސީ އާއި ގުޅިފައިވާ ޖަމިއްޔާތަކުގެ ގާފިލާގެ އެހީގެ ފުރަތަމަ ބުރު ކަމަށެވެ. އަދި މިފަދަ އިތުރު ބުރުތަކެއް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ކޮންވޯއީގެ ފުރަތަމަ ބުރުގައި 3 ކޮންޓެއިނަރުގެ ބޭސް، ދެ ކޮންޓެއިނަރު ފެން އަދި އެއް ކޮންޓެއިނަރުގެ ފުށް ފޯރުކޮށްދެވޭނެ ކަމަށް އައިއޭސީއިން ވަނީ ބުނެފައެވެ. އޭގެއިތުރުން ކުޑަކުދިންނަށް ދޭ ކިރު ވެސް ފޯރުކޮށްދޭނެ ކަމަށް އައިއޭސީއިން ބުނެއެވެ.

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.