ދިވެހިންގެ އެހީގައި ޔަމަނަށް ފެން ހަދިޔާކޮށްފިއެވެ.
ދުނިޔޭގައިވެސް ފެނަށް އެންމެ ބޮޑަށް ޖެހިފައިވާ އެއް ގައުމު ކަމަށްވާ ޔަމަނަށް ދިވެހިންގެ އެހީގައި ފެން ފޯރުކޮށްދީފައި ވަނީ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ.
އެ ޖަމިއްޔާއިން ބުނީ ދިވެހިންގެ އެހީގައި 1.6 މިލިއަން ލީޓަރުގެ ސާފުފެން މި ރަމަޟާން މަހާ ދިމާކޮށް ޔަމަންގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
32.98 މިލިއަންގެ އާބާދީއެއް އޮންނަ ޔަމަނަކީ ހުޅަނގު އޭޝިއާގައި އޮންނަ ގައުމެކެވެ. އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ސާފު ބޯފެން ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށް އދ އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ.
ރަމަޟާން މަހާ ދިމާކޮށް އައިއޭސީއިން ދަނީ އެކި ގައުމުތަކުގެ މުސްލިމު އަހުންނާއި އުހްތުންނަށް އެހީވަމުންނެވެ. އެގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން އެފްރިކާގެ ގައުމުތަކަށްވެސް އެހީތެރިވަމުންދެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފަގީރުންނަށް ރަމަޟާން މަހު އިފްތާރް ޕެކޭޖް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ.
އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.