އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާއާ ގުޅިގެން ހާލުގައި ޖެހިފައި ތިބި އެ ގައުމުގެ ރައްޔިތުންނަށް ކާބޯތަކެތީގެ 1000 ޕެކޭޖް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފޯރުކޮށްދީފިއެވެ.

އައިއޭސީއިން ބުނީ އިއްޔެ ކާބޯތަކެތީގެ 1000 ޕެކޭޖް ފޯރުކޮށްދީފައި ވަނީ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހި، ގެދޮރު ގެއްލިފައި ތިބި ރައްޔިތުންނަށް ކަމަށެވެ.

އިއްޔެ ކާބޯތަކެތީގެ ޕެކޭޖް ފޯރުކޮށްދީފައިވާ 3 ތަނުގެ ތެރޭގައި ހިމެނެނީ ގާޒާގެ އަލްޝަތީ ކޭމްޕްގެ އަބޫ އަސީ ސްކޫލް، ދޭރް ބަލަހްގެ ރުފީދާ ސްކޫލް އަދި ދޭރް ބަލަހް ސާވިސް ސްޕޯޓްސް ކްލަބް (ވަގުތީ ޝެލްޓަރް) ކަމަށް ވެސް އައިއޭސީއިން ބުނެއެވެ.

މެދުކެނޑުމެންނެތި ދިވެހިންގެ އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޔަހޫދީންގެ ހަމަލާތަކަށް ބިރު ނުގަންނާނެ ކަމަށާއި އެހީ ފޯރުކޮށްދިނުން އެއްވެސް ގޮތަކަށް މަޑު ނުޖެހޭނެ ކަމަށް އައިއޭސީއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ފަލަސްތީނު މިނިވަންވަންދެން ޔަހޫދީންގެ ލާއިންސާނިއްޔަތުގެ ވާހަކަ ދައްކަންޖެހޭ ކަމަށް ވެސް އައިއޭސީ އިން ވަނީ ބުނެފައެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުން އަންނައިރު މިހާތަނަށް ފަލަސްތީނުގެ 7،000 އަށް ވުރެ މީހުން ވަނީ ޝަހީދުވެފައެވެ.