ގާޒާ އަށް އެހީވުމުގެ ގޮތުން ފަންޑް ރެއިސް އިވެންޓްތަކާއި އެއްވުންތަކެއް ބާއްވަން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ތައްޔާރު ވެއްޖެއެވެ.
ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އެ ދައުލަތުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުއްލި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ހަނގުރާމަ އިއުލާންކޮށް އިޒްރޭލުން ގާޒާއަށް މި ވަނީ ހަމަލާ ދޭން ފަށާފައެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުނަ ހާލުގައި ޖެހެމުން ދާތީ، ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އައިއޭސީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.
މި ހަރަކާތްތަކުގެ ތަފްސީލް ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކެމްޕެއިން އިން ބުނީ، ފަންޑް ރެއިސް ކުރުމަށް އިވެންޓަތަކާއި އެއްވުންތައް ބާއްވަން ތައްޔާރުވެފައި ވަނީ މި ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށާއި ހަރަކާތްތަކުގައި ޖަޒުބާތުގައި ނުޖެހި އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ސާމާލުކަން ދިނުމަށް އެ ކެމްޕެއިން އިން ވަނީ ގޮވާލާފައެވެ.
މި އިވެންޓްތަކުގެ ތެރެއިން ހުކުރު ދުވަހުގެ 11 ޖަހާ އިރު، މާލޭ ސަރަހައްދުގައި ހުރި ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ގާޒާއަށް އެހީވުމަށް ފަންޑް ފޮށިތަކެއް ބަހައްޓަން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މި ހަރަކާތް މިހެން ގެންގޮސްދިނުމަށް އައިއޭސީން ވަނީ ގޮވާލާފައެވެ. އެގޮތުން އައިއޭސީގެ ލޯކަލް ޓީމާ ގުޅައިގެން ރަށްރަށުގައި މި ހަރަކާތްތައް އިންތިޒާމްކޮށް އަދި އިތުރު ހަރަކާތްތައް ވެސް އިންތިޒާމް ކުރުމަށް އެ ކެމްޕެއިނުން ވަނީ އެދިފައެވެ.
ހުކުރު ދުވަހަށް ރާވާފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން އެ ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި އަންހެން ކަނބަލުންގެ އެއްވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކެމްޕެއިނުން ބުނެއެވެ. މި އެއްވުމުގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވުމަށް ގޮވާލާފައިވާ އިރު، އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ކަޅު ހެދުން އެޅުމަށާއި އަދި ފަލަސްތީންގެ ދިދަ ހިފައިގެން ދިއުމަށް ވެސް ވަނީ އެދިފައެވެ.
ހަމައެއާއެކު ހުކުރު ދުވަހު ސައިކަލު އަދި ކާރު އެސޯސިއޭޝަންތަކުން ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެއް ވެސް އައިއޭސީން ވަނީ އިއުލާން ކޮށްފައެވެ. މި އިވެންޓް އޮންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކަމަށާއި މިއީވެސް ގާޒާއަށް އެހީތެރިވުމަށް ފަންޑް ރެއިސް ކުރުމަށް ބާއްވާ އިވެންޓެއް ކަމަށް އައިއޭސީން ބުނެއެވެ.
ހޮނިހިރު ދުވަހު ބާއްވާ ހަރަކާތުގެ ތަފްސީލް ދެމުން އައިއޭސީން ބުނީ، އެ ރޭ އާޓިފިޝަލް ބީޗާއި އެހެނިހެން ސަރަހައްދުތަކުގައި ވެސް ހަމަހިމޭންކަމުގެ އިހްތިޖާޖެއް ހިންގުމަށް ރާވާފައިވާ ކަަމަށެވެ. މި އިހްތިޖާޖުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބައިވެރިވެވޭނެއެވެ. މި އިހްތިޖާޖު ހިންގާ އިތުރު ސަރަހައްދުތައް އޭއައިސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށް އެ ކެމްޕެއިން އިން ބުނެއެވެ.
އިތުރު ހަރަކާތްތައް އިންތިޒާމް ކުރުމަށް ކަސްރަތު ކުރާ ޖަމިއްޔާތަކާއި ޖިމްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އެ ކެމްޕެއިނުން ބުނެއެވެ. އެ ގޮތުން ދުވުމެއް އިންތިޒާމް ކުރަން ނިންމާފައިވާ ކަަމަށާއި އެ ދުވުން ބާއްވާ ތާރީހް އިއުލާން ކުރާނެ ކަމަށް އައިއޭސީން ބުނެއެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ މިޑިއާތަކާ ގުޅިގެން ޓެލެތޯން ހަރާކަތެއް ހިންގަން ނިންމާފައިވާ އިރު، ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް މީޑިއާތަކުން ޓެލެތޯން ހަރަކާތް ހިންގަމުން ދާނީ ކުޑަ ވަގުތުކޮޅަކަށް ކަމަށް އައިއޭސީން ބުނެއެވެ. ނަމަވެސް އަންގާރަ ދުވަހުގެ ހެނދުނު 6 އިން ފެށިގެން ރޭގަނޑުގެ 12 ޖެހުމާ ހަމައަށް ޓެލެތޯން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އައިއޭސީން ބުނެއެވެ.
2016 ވަނަ އަހަރުގެ ފަހު ކޮޅުގައި އުފެއްދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) އިން އެންމެ ފުރަތަމަ ހަރަކާތްތެރިވެފައި ވަނީ ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށެވެ. އެއަށް ފަހު ރޮހިންޔާގެ ރައްޔިތުންނަށް އެހީތެރިވެދީފައިވާ އިރު، ގާޒާ އާއި ޕާކިސްތާންގެ ރައްޔިތުންނަށް ވެސް މި ކެމްޕެއިން އިން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އަދި އެ ޖަމިއްޔާއިން އަންނަނީ އެފްރިކާގެ ކެންޔާގައި ވިލެޖެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންވަޅުތަކާއި މިސްކިތްތަކާއި، ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުތަކާއި ބްރެޑް ފެކްޓަރީސްތަކާއި، ސްކޫލްތައް ވެސް އެ ކެމްޕެއިންގެ އެހީގެ ދަށުން އަންނަނީ ގާއިމް ކުރަމުންނެވެ. މި ހުރިހާ ކަންކަމަކީ ވެސް ދިވެހިންގެ ދީލަތި އެހީއާއެކު ހިންގަމުން އަންނަ ކަންކަން ކަމަށް އެ ކެމްޕެއިން އިން ބުނެއެވެ.