ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި އޮތް ގޮތުން އެ ކޮމިޝަނުގެ ސިޔާސީ ނުފޫޒު ކުޑަނުވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓުން ތަމްސީލު ކުރައްވާ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޖޭއެސްސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅީ މިދިޔަ ޖޫން މަހުގެ 19 ގައެވެ. ނަމަވެސް ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހުމާއި މަޖިލީހުގެ ކޯރަމް އެކި ދުވަސް މަތިން ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ފަހު، ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ މަހުގައެވެ. އަދި ބަހުސް ވަނީ މިއަދު ފަށައިފައެވެ.

ސަރުކާރުން ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅީ، އެ ކޮމިޝަނުގައި ބަންޑާރަނައިބާއި، ވަކީލުންގެ ފަރާތުން އައްޔަނުކުރާ ވަކީލަކާއި، ތިން ފަނޑިޔާރަކާއި، މަޖިލީހުން އައްޔަނުކުރާ މެންބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން އައްޔަނުކުރާ މީހަކު ހިމެނޭ ގޮތަށެވެ.

މި ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ، މިހާރު އިސްލާހު ހުށަހަޅާފައި އޮތް ގޮތުން ނަމަ، ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ތަނަކަށް ޖޭއެސްސީ ވެގެން ދާނެ ކަމަށެވެ. ނަމަވެސް ޑިމޮކްރެޓުންގެ މެންބަރުން ވަނީ މި އިސްލާހުގެ ސަބަބުން ޖޭއެސްސީ ގައި ސިޔާސީ ކުލަ އެއްކޮށް ނުފިލާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓުންގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން 2018 ގައި ވެރިކަމާ ހަވާލުވުމުގެ ކުރިން ޖޭއެސްސީ އިސްލާހުކުރުމަށް މެނިފެސްޓޯގައި ހިމެނި ކަންކަމާއި އެމްޑީޕީން ވެރިކަމާ ހަވާލުވުމަށް ފަހު ހުށަހެޅި އިސްލާހު ތަފާތު ކަމަށެވެ.

އޭރު އެމްޑީޕީގައި ހުންނެވި ހަސަން ވަނީ ޖޭއެސްސީ އިސްލާހު ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ނުކުތާތައް ހިއްސާ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯގައި އޭރު ހުށަހެޅީ:

  • ފަނޑިޔާރުންނަށް ފާރަވެރިވެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް ޖޭއެސްސީ އެކުލަވާލާ ގޮތަށް އަދި އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް
  • ފަނޑިޔާރުންގެ ޒާތީ ތައައްސުބުން އެއްކިބާވެފައިވާ ކޮމިޝަނެއް ގާއިމްކުރުމަށް
  • ޖޭއެސްސީގެ މެންބަރުން ކަނޑައަޅާ އިރު ފަނޑިޔާރުންނާއި މަގާމުގެ ހައިސިއްޔަތުން އައްޔަނުކުރެވޭ މެންބަރުން ކޮމިޝަނުގައި ނުހިމެނުމަށް
  • އެ ކޮމިޝަނުގައި ހިމެނޭ މެންބަރުންނަކީ އާންމު ރައްޔިތުންނަށް ވުމާ އެކު ވަކި ދާއިރާ އަކަށް އެ މީހަކު ހާއްސަވެފައި ނުވުމަށް

ނަމަވެސް ޖޭއެސްސީ އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޖޭއެސްސީ އަށް ފަނޑިޔާރުންނަށް ފާރަވެވިދާނެ ކަމަކަށް ގަބޫލުނުކުރެއްވޭ ކަމަށާއި، ސަބަބަކީ ފަނޑިޔާރުގެތަކަށް ނިސްބަތްވެވަޑަައިގަންނަވާ ފަނޑިޔާރުން ވެސް އެ ކޮމިޝަނުގައި ތިއްބެވުމުން ކަމަށް ހަސަން ވިދާޅުވިއެވެ.

"ދައުލަތް ތަމްސީލުވާކަށް ނުޖެހޭ ޖުޑީޝަލް ސާވިސް ކޮމިޝަންގަ، ދައުލަތުގެ މަގާމުތަކުގަ ތިއްބެވި ބޭފުޅުން އެ ކޮމިޝަނުގަ ތިއްބަވައިގެންނެއް، ދައުލަތަކީ ރައްޔިތުން ވެސްމެ، އެހެންވީމާ ރައްޔިތުން އެތަނުގައި ތިބީމާ ދައުލަތް ތަމްސީލުކުރެވެނީ، ބަންޑާރަނައިބު އިންނަވާކަށް ނުޖެހޭ ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާކަށެއް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންނަވާކަށް ނުޖެހޭ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާކަށެއް، ފަނޑިޔާރުން ތިއްބަވާކަށް ނުޖެހޭ މުޅި ފަނޑިޔާރުގެ ތަމްސީލުކުރައްވާކަށް،"
ހަސަން ލަތީފް | ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު

ހަސަން ވިދާޅުވީ، ޖޭއެސްސީ އިސްލާހުކުރުމަށް އެންމެ ރަނގަޅި ގޮތަކީ ރިޓަޔާކުރެއްވި ފަނޑިޔާރުންގެ ތެރެއިން ސުލޫކީ މައްސަލައެއް ނެތް ރަނގަޅު ތިން ބޭފުޅުންނާއި، އާންމުންގެ ތެރެއިން ތިން މީހަކު ހިމަނައި ޖޭއެސްސީ އެކުލަވާލުން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭއެސްސީގެ މެންބަރުން ނުހިމެނޭ ގޮތަށް އިސްލާހުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހުށަހަޅާފައި އޮތަސް، ވޭތުވެދިޔަ ފަސް އަހަރު ސަރުކާރުން އިސްލާހު ހުށަހެޅީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުުން އެކުލެވޭ ގޮތަށް ކަމަށެވެ.

"ހަގީގަތުގަ ވެސް އަމާޒުކޮށްފަ އޮތީ ވަކި ބަޔަކަށް ޓާގެޓުކޮށްފަ، ދެން ވެސް އެ ބޭބޭފުޅުން މިތަނަށް ވަޑައިގެން، ޖުޑީޝަލް ސާވިސް ކޮމިޝަންގަ ތިއްބަވާނެ ގޮތް ހެދުމަށްޓަކައި މިކަންކަން ކޮށްފަ މި ވަނީ،" އޭނާ ވިދާޅުވިއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ޖޭއެސްސީ އިސްލާހު ކުރުމުގެ ބޭނުމަކީ އެ ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާކުރުން ކަމަށާއި، ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބޭނުމަކީ ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާކުރުމުގެ ބަދަލުގައި އެ ކޮމިޝަނުގައި ސިޔާސީ ކުލަވަރު ޖެއްސުން ކަމަށެވެ.